(15 ޑިސެމްބަރު) - ކޮވިޑް-19 ރޯގާއަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން ފައިޒާ ކުންފުނީގެ ސީއީއޯ އަދި ނުޖަހާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ކޮވިޑަށް ވެކްސިނެއް އުފެއްދީ އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯ އެން ޓެކް ކުންފުނިން ގުޅިގެންނެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ މިދިޔަ ހުކުރު ދުވަހު 16 އަހަރުން މަތީގެ މީހުންނަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ވެކްސިންގެ އެންމެންނަށް ލިބޭ ވަރަށް އުފެއްދިފައި ނުވާތީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި، ސިއްހީ ހިދުމަތްތެރީންގެ އިތުރުން ދުވަސްވީ މީހުންނާއި އައިސީޔޫގައި ފަރުވާދޭ މީހުންނަށް ވެކްސިން ދިނުމަށް އިސްކަންދިނުމަށް އަންގާފައިވެ އެވެ.
ފައިޒާ ކުންފުނީގެ ސީއީއޯ އަލްބާޓް ބޯލާ ވިދާޅުވި ގޮތުގައި ވެކްސިން އަދި ނުޖަހާނެ އެވެ. ހަމައެގޮތަށް ކޮމްޕެނީގެ އިސްވެރިން ވެސް ވެކްސިން ނުޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ވެކްސިން ދޭން އިސްކަންދިނުމަށް އަންގާފައިވާ ކެޓަގަރީގައި އެމީހުން ނުހިމެނޭތީ އެވެ.
އެމީހުންނަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ނޫން ކަމަށާއި އެ މީހުންގެ ސިއްހީ ހާލަތު ވެސް ރަނގަޅު ކަމަށް އަލްބާޓް ވިދާޅުވި އެވެ. އެހެންކަމުން އުސޫލުން ބޭރުން ވެކްސިން ނުޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްބާޓް އިތުރަށް ވިދާޅުވީ އެ ވެކްސިނަށް އިތުބާރު ކުރުމަށެވެ. އަދި ވެކްސިން އުފެއްދާފައިވަނީ އެންމެ ފުރިހަމަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި އަދި ޓެސްޓްތަކާއި ހުރިހާ ޑޭޓާތައް ވެސް އެންމެ ފުރިހަމަ ތަކެއްޗަށް ހެދުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް ރޯގާއިން އެމެރިކާގައި މަރުވި މީހުންގެ އަދަދު މިވަނީ 300،000 އަށް ވުރެ އިތުރުވެފަ އެވެ. އެމެރިކާގެ ސިއްހީ އޮފިޝަލުން ލަފާކުރާ ގޮތުގައި މަރުވާ މީހުންގެ ރޭޓް ވެކްސިން ދޭން ފެށިކަމަށް ވިޔަސް ދައްވުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމުގަ އެވެ.
ސަބަބަކީ ހުރިހާ އެންމެންނަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން އުފެއްދިފައި ނުވާތީވެ އެވެ. – ސީއެންބީސީ