މި ސަރުކާރުންގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން ހަތަރު އަހަރު ފާއިތުވީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ހަތަރު އަހަރުގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ 2018ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުޙަލާ އަށް މި ހަތަރު އަހަރު ވެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބަކީ ހަމަހަމަ ކަމާއެކު ހުރިހާ ރަށަކަށް ކަންކަން ކޮށްދިނުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ހާސިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޮވިޑްގެ އާލަމީ ބަލިމަޑު ކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވެގެން ދިޔަ ބޮޑު ކާމިޔާބީ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ބައިނަލް އަގްވާމީ ތަފާތު ގޮންޖެހުން ތަކާއި ހައްސާސް ހާލަތް ތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ތަކުގެ މަޝްރޫޢުތައް ހަމަހަމަ ކަމާއެކު މި ހަތަރު އަހަރު ރަށްތަކުގައި ހިންގުނު ކަމަށެވެ. ކަރަންޓާއި މަގާއި ބަނދަރާ އުމްރާނީ ވަސީލަތްތަކާ ސިއްހީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވުނު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ހުނަރާއި ތަމްރީނާއި ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގެނެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.