ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ލިޔުންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ބުނެފައި ވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމް ދެއްވި ކަމަށެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއަހުމުގައި ދައުލަތުން ވަނީ އާ ހެކިތަކެއް ހުށަހަޅާފަ އެވެ.

ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ދައުލަތުން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް ނިންމެވިކަން އިއުލާން ކުރެއްވުމަށްފަހު ގާޒީ ވަނީ މިލިއުންތައް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށް ދައުލަތަށް ފުރުސަތު ދީފަ އެވެ.

ދައުލަތުން ހެކި ހުށައަޅަމުން ދަނިކޮށް ޔޫސުން ނައީމްގެ ވަކީލު ވަނީ ދައުލަތުން ހުށަހެޅި ހެކިތަކާއިމެދު ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު އަލުން ގޮތެއް ނިންމައި ގާޒީގެ ނިންމެވުން އަލުން ރިވިއުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ކުރީގެ ޝަރީއަތުގައި އާއި ހެއްކާމެދު އަމަލު ކުރަން ނިންމާފައިވާ ގޮތާއި އެއްގޮތަށް ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ މި މައްސަލާގައި ދިފާއުން ހެކި ހުށައެޅިއިރު، ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށް ވެސް އެ ސަބަބުތަކާ ދެކޮޅަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މި މުއާމަލާތާ ގުޅޭ ބައެއް ކަންކަން ކުރިއަށްދިޔަ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެ ކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކި ވެރިވެރިޔަކު ބުނެފައި ވާތީ އެކަން ނަފީކުރުމަށް ދައުލަތުން ވަނީ އީވައިސީގެ ޔައުމިއްޔާ ހުށަހަޅައިފަ އެވެ. އަދި މި މައްސަލާގައި ދިފާއުން ހުށަހެޅި ހެއްކެއްގެ ވަޒީފާގެ ހާޒިރީ ރެކޯޑު ވެސް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.

މިމައްސަލައިގައި މިއަދު އައު ހެކިތަކާ ގުޅޭ ލިޔުންތައް ދައުލަތަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދެއްވާފަ އެވެ. އަދި މި މައްސަލައިގެ ހެކިތަކާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ޝަރީއަތްތައް ވަނީ ނިންމާލާފަ އެވެ. މި މައްސަލައި ހެއްކާ ބެހޭ ގޮތުން ކުރިއަށް ގެންދަންޖެހޭ ބައި މިއަދު ކުރިއަށް ގެންގޮސް މައްސަލައިގެ ޚުލާސާ ބަޔާން އިއްވާނެ ދުވަހެއް ވެސް ދައުލަތަށް އަދި ދައުވަ ރައްދުވާ ފަރާތަށް ވެސް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.