މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް ފަށައިފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެކަމާ ގުޅޭ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޓެސްޓްޕައިލް TPO1ގެ ކޮންކްރީޓް މަސައްކަތް ކަމަށް އެ ޓުވީޓްގައިވެ އެވެ.
އެ މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ބޭނުން ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ބްރިޖްގެ ބިންގާ ރަސްމީ ގޮތުން އަޅާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބްރިޖް މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުޏެއް ކަމަށްވާ އެފްކޮންސް އިންނެވެ.
މިމަޝްރޫއު އެފްކޮންސް އާއި ހަވާލުކުރީ 500 މިލިއަން (7.7 ބިލިއަން ރުފިޔާ) ޑޮލަރަށެވެ.
އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ ލޯނެކެވެ. އަދި އަނެއްބައި ހަމަ ޖައްސަނީ ދިވެހި ދައުލަތުގެ ބަޖެޓުންނާއި އިންޑިއާއިން ދޭނެ ކަމަށް ބުނެފައިވާ ހިލޭ އެހީ އިން ނެވެ.
ތިލަމާލެ ބްރިޖް މަޝްރޫއާއެކު މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ބްރިޖް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެ ގުޅާލާނެ އެވެ.