ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހަދަން އުޅޭ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން މިއަދު އަންގައިފި އެވެ.
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލް އިސްވެ އޮވެ، އެ އަތޮޅުގެ ރަށްތައް އެކުވެގެން ތަރައްގީގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ނިންމި މި ނިންމުމަށް އެލްޖީއޭއިން ވަނީ ހުރަސްއަޅާފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެލްޖީއޭއިން ބުނެފައި ވަނީ، ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމާ ގުޅިގެން އަތޮޅުތަކުގެ ތަރައްގީގެ ޒިންމާއަކީ އެލްޖީއޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ މަހްފޫމާ ފުށުއަރާ ގޮތަށް، ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ގާނޫނީ ބާރެއް ކައުންސިލްތަކަށް ލިބިގެން ނުވާ ކަމަށް ވެސް އެލްޖީއޭއިން ފާހަގަކުރެ އެވެ.
އެހެންކަމުން އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އަމުރުކޮށް، އެފަދަ ބޯޑެއް ހަދަން ނިންމި ގާނޫނީ އަސާސަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.
މި އެންގުމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ސަރުކާރުން ބިރުދެއްކި ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި މި ބޯޑު ހެދުމުގެ މަގްސަދަކީ އެލްޖީއޭއާ ނުވަތަ އަތޮޅު ކައުންސިލްތަކުން ދޭ ހިދުމަތްތަކެއް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ހދ. އަތޮޅުގެ ރަށްތައް އެކުވެގެން، އަތޮޅުގެ ތަރައްގީއަށް ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ހޯދައިދިނުމަށް ކުރާ ކަމެކެވެ. އެހެންކަމުން މިއީ މުޅި ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި މަސައްކަތެއް ކަމަށް ވުމުން، އެލްޖީއޭއިން ދައްކާ ބިރަކަށް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ހޯރަފުއްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
ފަހަތުން އަރައި މިސްރު ބަލިކޮށް، އާޖެންޓީނާ ކުއާޓާ ފައިނަލަށް
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް އިލްތިމާސްކޮށްފި