ކާންވީ އަނގަޔަށް މީރު ޖަންކް ފުޑްއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ކާންވީ ފައިދާހުރި ތަރުކާރީ މޭވާ ކަމަށާއި އެ ބަދަލު ނުގެނެސްފިނަމަ ކާނާގެ ގޮތުގައި ދެން ކާން ޖެހޭނީ ބޭސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ކެމްޕެއިން ފައްޓަވާދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އިތުރުވަމުން އަންނަ ގައިން ގަޔަށް ނާރާ ބަލިތަކުގެ އަދަދު މަދުކުރުމަށް ބޭނުންވަނީ ޢަޒުމަކާއެކު ހިތްވަރު ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ދިރުއުޅުމުގެ އާދަތަކަށް އަންނަމުންދާ ބަދަލުތަކާއިއެކު، ބަލިތަކަށް ހުށައެޅޭ މިންވަރު އިތުރުވަމުން އަންނަތަން ފެންނަމުންދާ ކަމަށެވެ. އަދި ދިރާސާތަކުން ފެންނަ ގޮތުގައި މިކަމަށް އެންމެ ބޮޑަށް ހުށައެޅެނީ، ހެލިފެލިވުން ކުޑަވުމާއި، ކެއިން ބުއިމުގެ އާދަތަކާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާދަތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ގުޅޭގޮތުން ކޮށްފައިވާ ސްޓެޕް ސަރވޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދެބައިކުޅަ އެއްބައި މީހުންނަކީ ބަރުދަން އިތުރު މީހުން ކަމަށެވެ. އޭގެ 20 ޕަސެންޓް މީހުންނަކީ މާބޮޑަށް ބަރުދަން އިތުރު، މިފަދަ ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު މީހުން ކަމަށާއު އަދި އާބާދީގެ 24 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ އަހަރެއްގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލީގައި މަރުވާ މީހުން ކަމަށެވެ. ހިތުގެ ބަލި، ކެންސަރު އަދި މިނޫންވެސް ބޮޑެތި ބަލިތައް ރާއްޖޭގައި އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން ބޮޑު ކަމަށާއި އަދި ޒުވާނުންގެ ކުއްލި މަރުތައް އިތުރުވުމަކީ ވެސް، މިފަދަ ސިއްހީ މައްސަލަތަކާ ގުޅުންހުރި ކަމެއްތޯ ބަލަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގެ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން، މި ސަރުކާރުގެ އެންމެ ކުރީކޮޅު ފެށި "ދުޅަހެޔޮ ހަށިހެޔޮ" ޕްރޮގްރާމުން ވެސް ފެނިގެންދިޔަ ކަށެވެ. އަދި މިއާއެކު މީގެ ކުރީގެ ސަރުކާރުތަކުގައި ނުކުރެވުނު މުހިންމު އެތައް ކަމެއް މިހާރު ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދުންފަތުގެ ފޮށީގައި ފޮޓޯ ޖެހި އިންޒާރު ހަރުކުރުން. ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް ނޭޝަނަލް ސިސޭޝަން ޓޫލް ކިޓް ހޯދައިދޭން ދަނީ މަސައްކަތްކުރަމުން. އަދި ދުންފަތް ހުއްޓާލުމަށް ދޭ ސިއްޙީ ފަރުވާ އާސަންދައިގެ ތެރެއަށް ބަދަލުކުރިން،" ރައީސް ވިދާޅުވި އެވެ.
ކެންސަރަށް ޚާއްސަ ފަރުވާދޭ ހޮސްޕިޓަލެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވާއިރު، އެފަދަ ބަލިތަކާއި ގުޅޭ ޚިދުމަތްތައް ވެސް ފުޅާކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އަންހެނުންނަށް ޖެހޭ ރަހިމުގެ ކެންސަރުގެ ވެކްސިން، މި ސަރަޙައްދުގައި އެންމެ ފުރަތަމަ ފެށި ގައުމަކީ ވެސް ރާއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އެންމެ މުހިންމުކަމަށް ހަދަންވީ ފަރުދީ ޒިންމާ ކަމަށާއި، ހަރަކާތްތެރިވެ އުޅޭ މިންވަރާއި ކުޅިވަރާ ކަސްރަތު އަދި ރަނގަޅު ކާނާ ބޭނުންކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.
"ކާންވީ އަނގަޔަށް މީރު ޖަންކް ފުޑްއެއް ނޫން. ފައިދާހުރި ތަރުކާރީ މޭވާ. ބަދަލު ނުގެނެސްފިނަމަ ކާނާގެ ގޮތުގައި ދެން ކާންޖެހޭނީ ބޭސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްޙީ ދާއިރާއަކީ ޖީޑީޕީން އެންމެ ބޮޑު އެއް ހޭދައެއް ކުރާ ދާއިރާ ކަމަށެވެ. ބަލިތައް މަދުކުރުމަށް ކުރާ ހޭދައިގެ ކޮންމެ 1 ރުފިޔާއަކުން 16 ރުފިޔާ ސަލަމާތްކުރެވިދާނެކަން ސްޓެޕް ދިރާސާއިން ވެސް ދައްކާ ކަމަށެވެ. އަންނަ އަހަރު ސަރުކާރުން ފެށުމަށް ނިންމާފައިވާ، އާއްމު ސިއްޙަތު ކުރިއެރުވުމުގެ މަސައްކަތްތަކާއެކު ސިއްހީ ދާއިރާއިން މުހިންމު ބަދަލެއް ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިތުން ވަރަށްމޮޅުވާހަކައެއް ބުނެލާފަ މިއހުންނެވީ. ކާނެ ބޭސްކޮޅެއްވެސް ނުލިބި ތިބެންޖެހޭނީ، ބަލިބައްޔަށް ފަރުވާކުރަން ނުލިބެންޏާ ބަލިތައް އިތުރުވެ މީހުން މާޔޫސްވާނެ، މިހާރު ރަނގަޅު ފަރުވާއެއް ދޭ ދޮކުޓަރެއް ނެތް ހޮސްޕިޓާތަކަށް ގެނެސްގެން އުޅެނީ ދޮކުޓަރުންގެ ނަމުގާ އެމީހުނެގެ ކާރީ މަސައްކަތްކުރާ މީހުން، މިގައުމުގާ ތިބި އެންމެ މޮޅު ދޮކުޓަރުން ރާއްޖެ ދޫކޮށް ހިނގައްޖެ، ތުއްތު ކުއްޖަކު ބަލިވެގެން ދިއަސް އަޅައެއްނުލާ ހަދާނެ އެއްޗެއް ހަދަނީ އެހާވެސް ނުބައިބައެއް ދޮކުޓަރުން ނަމުގާ ގެސްގެން އުޅެނީ،. އ