ބޭންކް އޮފް މޯލްޑިވްސް އިން ރޭ ހޮޓެލް ޖެން ގައި ބޭއްވި ހަފްލާއެއްގައި ބީއެމްއެލް ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފިއެވެ.
ބީއެމްއެލް ހެކަތަން ކާމިޔާބުކުރީ:
- އަޙުމަދު މަޙުފޫޒު، ޙުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިން
- މުޙައްމަދު އާތިކް ޢަލީ ރިޟާ، ފާތިމަތު އަރީން ނަސީމް، މުޙައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކަރ
- މުޙައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުޙައްމަދު އީމާން – ހުށަހަޅާފައިވަނީ ޕަރސަނަލް ފައިނޭންސް މެނޭޖަރ
މި ހެކަތަން ބާއްވާފައިވަނީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' މި ތީމްގެ ދަށުންނެވެ. ތިރީހަށް ވުރެ ގިނަ ބައިވެރިންނާއެކު، 48 ގަޑިއިރަށް ދެމިގެންދިޔަ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ މިހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"ފިންޓެކް ކޮމިއުނިޓީގެ ފަރާތުން މި ހެކަތަން އަށް ދެއްވި ޝައުގުވެރިކަމަކީ އަޅުގަނޑުމެން ވަރަށް އުފާލާއެކު ބަލައިގަންނަކަމެއް. މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ވަނީ ލިބިފައި. ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބް އަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓަރސް އަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން." އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މި ހެކަތަންގައި ހޮވޭ ތިން ޓީމުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގައި ބޭންކުގެ ފަރާތުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
- މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
- ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
- ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް