ބޮޑު ޑިސްކައުންޓެއް ލިބޭ "ހެއްޔާ މަކިޓާ" ޕްރޮމޯޝަން އެސްޓީއޯއިން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވ ރޫމްގަ އެވެ.
މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މިޕްރޮމޯޝަންގެ ދަށުން އެއް މަސް ދުވަހުގެ މުއްދަތަށް "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި ހެއްޔާ މަކިޓާ މުބާރާތަކީ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަން، ވާދަވެރި މާހައުލެއްގައި އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް، ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ވަޑާން މަސައްކަތުގެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއަށް ނެރެދީ، އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލެވޭނެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމަށް މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމްއިންނާއި އެސްޓީއޯ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. މިމުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެ އެވެ.
ރަޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ ގޮތްތައް:
- ވައިބާ: 7980240
- އީމެއިލް: [email protected]
- އެސްޓީއޯ މަކީޓާ ޝޯރޫމް ކައުންޓަރަށް
އެސްޓީއޯއިން ބުނިގޮތުގައި މިމުބާރާތުގައި ބައިވެރިކުރުމަށް ހުށަހަޅާ ތަކެތި ފަރުމާކުރެވިފައި ހުންނަންވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓުއަށެވެ. އަދި ބައިވެރިކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭ ފަދަ ތަކެއްޗައް ވެގެން ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. ދެވަނަ އިނާމަކަށް 30،000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބޭއިރު، 3 ވަނަ އިނާމްއަކަށް 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް ލިބޭނެކަމަށް އެ ކުންފުނިން ބުނެ އެވެ.