"މިއަދު އަޅުގަނޑު މިތަނުގައި މިހުރީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްފަ، އެ ވެރިކަން އަޅުގަނޑުމެންނަށް ބަދަލު ކުރެވުނީ އެ ވެރިކަމުގައި އަޅުގަނޑުމެން ރެނދެއް އެޅުވީމަ، ދެން ފަހުން އެހެން ރެނދެއް ވެސް ފެނުނު، އެކަމަކު އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގައި އެޅުވި ރެނދަކީ ދުރު ވިސްނާ ކުރި ކަމެއް،" މިއީ 2019 ވަނަ އަހަރުގެ އޭޕްރީލް 2، ގައި ނ. ކުޑަފަރީގައި މެމްބަރު އަހުމަދު އީސާގެ ކެމްޕެއިން ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައެކެވެ.

ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވާހަކަދައްކަވަނީ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެ ވިދާޅުވި ރެނދަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ "ބްރޯ"ގެ ވާހަކަ އެވެ. އެމަނިކުފާނު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވީ "އަދީބަކީ ޔާމީން ސަރުކާރުގައި އަޅުގަނޑު އެޅުވި ފަންޏެއް" ކަމަށެވެ. އަދި މިއަދުގެ ސިޔާސީ ނަތީޖާ ޙާސިލުކުރެވުނީ އެ ދުވަހު އަމަލު ކުރި ދުރުވިސްނުމުގެ ސަބަބުން ކަމަށެވެ.

މިވާހަކަތަކަށް ވިސްނާއިރު، މިއަދު ކަންކަން ފުރޮޅެމުންދާ ގޮތުން ވިސްނާ ފިކުރު ކުރާ ބަޔަކަށް ކަންކަން ސާފުވާ މިންވަރަށް މިއޮތީ ތިލަވެފަ އެވެ. ދައްކަން މިއުޅެނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުގީގާއި އެމައްސަލަ އެނބުރެމުން ސެނބުރެމުންދާ ގޮތުގެ ވާހަކައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އެމްޑީޕީގެ އެތައް ބަޔަކު!

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް ބުނެ 155 ފަރާތެއްގެ ނަން އެކުލެވޭ ލިސްޓެއް އޭސީސީން ނެރެފައިވެ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު މި ލިސްޓާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަޙްލޫފާއި ފެން ކުންފުނީގެ ޗެއާމަން އަދި ރައީސް ނަޝީދުގެ ޒަމާންވީ އެކުވެރިޔާ އަހުމަދު މައުސޫމް (އޭރީޒް މައުސޫމް) އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. ނަމަވެސް އޭސީސީން އެމައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމާފައިވަނީ އެ ބޭފުޅުންނާ ކުރެވިފައިވާ ފައިސާގެ މުއާމަލާތްތައް ސައްހަ ކަމަށެވެ. އެހެން ކަމުން އެ ބޭފުޅުން "ހުދު ކާފޫރަށްވެ" ވަޒީފާއަށް އަނބުރާ ނިކުންނަން ރައީސް ސޯލިހު އެންގެވީ އެވެ.

މިލިސްޓުގައި ހިމެނޭ 155 ފަރާތްތަކުގެ ތެރޭގައި އަދި ފަހުން ނެރުނު 260 އަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ލިސްޓުގައި މިސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި މިހާރުގެ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ކަމަށްވެ އެވެ. އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި އެކަމަނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމަކީ ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މެމްބަރުންނެވެ. މީގެ އިތުރުން 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މި ކޮރަޕްޝަންގެ ފައިސާ ނަންގަވާފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ފަރާތަކާ މިހާތަނަށް ސުވާލުކޮށް، ތަހުގީގު ހިންގާފައެއް ނުވެ އެވެ.

މަވޯޓާ ހުށަހެޅި އިސްލާޙު: ފައިސާ ލިބުނު މީހެއް ނެތް؟

އިހަށް ދުވަހު ސޯޝަލް މީޑިއާގައި ލީކުކޮށްލި އަދީބުގެ "ސިއްރު" ހެކިބަހުގައި ހުރި ވާހަކަތަކަކީ ކަންބޮޑުވާ ވާހަކަ ތަކެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 20 މިލިއަން ރުފިޔާ ދީފައިވާ ވާހަކަ ވެ އެވެ. މި ވާހަކަތައް ފެންމަތިވުމުން ޝަރީފް ވަނީ އެ ފައިސާ ލިބުނު ކަމަށް އިންކާރު ކުރައްވާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް އިސްލާހު ހުށައެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެގެން ކަމަށް ޝަރީފް ތަކުރާރުކޮށް ވިދާޅުވެ އެވެ. އަދި މިކަމަށް ރައީސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިހާތަނަށް މިކަމާ ގުޅިގެން މެމްބަރު ޝަރީފު އެއްވެސް އިދާރާއަކަށް ހާޒިރުކޮށް ސުވާލުކޮށްފައިވޭތޯ އެވެ؟

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

އަދީބު އެ ވިދާޅުވި 20 މިލިއަން ރުފިޔާ އަށް ވީ ކިހިނެއްތޯ އެވެ؟ އެ ފައިސާ ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރުމަށް ވޯޓު ދިނުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ލިބުނުތޯ އެވެ؟ ލިބުނު ނަމަ ލިބުނީ ކިހާވަރެއްތޯ އަދި ކޮންބަޔަކަށް ތޯ އެވެ؟ ނަޝީދު ވިދާޅުވެގެން އިސްލާޙު ހުށައެޅުއްވި ނަމަ ނަޝީދުއާއި އަދީބުއާއި ދެމެދު ކުރެވުނީ ކޮން ކަހަލަ މުއާމަލާތު ތަކެއްތޯ އެވެ؟ މިއީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ތަހުގީގުކުރެވި، ސުވާލު ކުރެވޭ ތަނެއް ނުފެނެ އެވެ. "800 އަހަރުގެ" ހުކުމް މަތިމައްޗަށް އަންނަން އޮތް ކުށްވެރިއަކު، ރައްޔިތުންގެ ފައިސާއިން 20 މިލިއަން ރުފިޔާ އެމްޑީޕީގެ އެމްޕީއަކަށް ދިންކަމަށް ތަހުގީގު ބަޔާނުގައި ބުނެފައިވާއިރު "ކަހާތަން ހިރުވާވެސް ނުލަނީ" ކީއްވެގެން ހެއްޔެވެ" ކަމާ ބެހޭ މުއްސަސަސާތަކުން އިސްނަގައިގެން މިކަން ތަހުގީގު ކުރެވޭނެ އެއްވެސް ނިޒާމެއް ހަމަ ގާނޫނުތަކުން ލިބިފައިނެތީ ހެއްޔެވެ؟

ރައީސް ސޯލިހާއި ނަޝީދަށް ވެސް ފައިސާ ލިބުނު ކަމުގެ ތުހުމަތު!

އެންމެ ފަހުން ނިމުނު 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިން މިލްކު ކުރެވޭ އިސްލާހަށާއި ނައިބު ރައީސްގެ އުމުރު ބަދަލުކުރުން ފަދަ މަޖިލީހުގެ މުހިއްމު ވޯޓުތަކަށް ފައިސާ ދިން ކަމަށް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ. އަދީބު ފައިސާދިން ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި ފަނޑިޔާރުން ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ފައިސާ ލިބުނުކަމަށް ބުނާއިރު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވީ ރައީސް ސޯލިހެވެ. އެހެންކަމުން އެމަނިކުފާނަށް މިއިން އެއްވެސް ކަމެއް "ހީވެސް ނުވެ" "އަތުގައި ވެސް ނުހޭކި" އެމްޑީޕީގެ މަޖިލިސް މެމްބަރުން އޭރުގެ ސަރުކާރު ހިންގާ ޕާޓީން ހުށައެޅި "ސިޔާސީ" އިސްލާޙުތަކަށް ވޯޓު ދީފާނެކަމަށް ހަމަ ބުއްދިއަށް ގަބޫލުކުރެވޭ ކަމެއް ހެއްޔެވެ؟

އެ މަނިކުފާނަށް އެނގިވަޑައިނުގެން ނުވަތަ އިރުޝާދު ނުދޭ ގޮތަކަށް މެމްބަރުންނަށް ވޯޓު ދެވިދާނެ ހެއްޔެވެ؟ މަޖިލީހުގެ ވޯޓު ދިނުމަށް ގެންގުޅޭ އުސޫލުތަކަށް ބަލާއިރު އެހެން އެކަމެއް ނުކުރެވޭނެ އެވެ. އެހެންވީމާ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ސޯލިހާ ސުވާލެއް ކޮށްލެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އަދީބު ފައިސާ ދިނީ ސީދާ ރައީސް ސޯލިހުގެ "އަތްޕުޅަށް" ކަމަށް ދެކެވޭ ވާހަކަ ތަހުގީގު ކުރާނެ އެއްވެސް އިދާރާއެއް އެބަހުރި ހެއްޔެވެ؟ އަދި ބޮޑު ޚިޔާނާތުގެ އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ގެ ތުހުމަތުތަކެއް ވެސް މީޑިއާތަކުގައި ދަނީ އެނބުރެމުންނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. ފޮޓޯ: މަޖިލިސް

މިފަދަ އެތައް ތުހުމަތު ތަކެއް ރައީސް ނަޝީދުގެ މައްޗަށް ވެސް ކުރެވެމުން އެބަދެ އެވެ. އޭރު ރައީސް ނަޝީދު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކަމުގައިވިޔަސް ގިނަ ދުވަހު ހުންނެވީ ގޭގަ އެވެ. އަދި ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށް އެމްޑީޕީން ވެސް ބޮޑެތި ޑީލްތައް ހެދިކަން އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ރައީސް ނަޝީދު މައިބަދައިގެ އޮޕަރޭޝަނަށް ފުރާވަޑައިގަތުމާ ހިސާބުން ވެސް ފެންނާން އޮތް ހަގީގަތްތަކެވެ.

ރައީސް ނަޝީދުގެ އަތްޕުޅުގައި އަދީބުގެ ފޯނާއި ލެޕްޓޮޕްހުރި ކަމަށާއި އެ ވަސީލަތްތަކުން ބޮޑު ޚިޔާނާތުގެ ގިނަ މައުލޫމާތުތަކެއް ސާފުވާ ކަމަށް ވިދާޅުވާއިރު އެއިން އެއްވެސް އެއްޗެއް ހާމަނުކުރެވީ ކީއްވެ ކަމާމެދު ސުވާލު އުފެދެ އެވެ.

އަދީބުގެ ފޯނުތަކުން 70،000 އަށްވުރެ ގިނަ މެސެޖް ތަހުގީގީ އިދާރާތަކާ ހިއްސާ ކުރެއްވިކަމަށް ޚުދު ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި އެމަނިކުފާނު ވެސް ވިދާޅުވަނީ އެހުރިހާ ހެކިތަކާއެކު ތަހުގީގު އެއްވެސް އިދާރާއަކުން ދައުވާނުކޮށް ތިއްބަވާތީ އެމަނިކުފާނު "ހުއްޓުން" އަރާ ކަމަށެވެ. އެއިން އެއްޗަކުން ފެނުނު މައުލޫމާތުގެ އަލީގައި ފިޔަވަޅު އެޅުނު މީހެއް ސުވާލެއް ކުރެވުނު މީހެއް، މި ދިވެހި ފަސްގަނޑަކު އަދި ނެތެވެ.

800 އަހަރުގެ ޖަލު ހުކުމަށް އަދީބާއި ދައުލަތުގެ "ޑީލް"

އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބަށް ކުރެވޭނެ 150 ވުރެ ގިނަ ދައުވާ އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވެ އެވެ. އެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 806 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމް އަދީބަށް އަންނާނެ ކަމަށް ހާމަކުރެއްވި އެވެ.

ނަމަވެސް ކަން ނިމިގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. ދައުލަތުން އަދީބާއެކު އެއްބަސްވުމަކަށް އައީ އެވެ. އަދަބު ލުއި ކޮށްދިނުމުގެ އިއުތިރާފް އެއްބަސްވުމުގެ ނަމުގައި "ޑީލް"އެއް ހެދީ އެވެ. އެޑީލް އަކީ ސަރުކާރުން ބޭނުންވާ ގޮތަށް އަދީބުގެ ބަޔާންތައް ބައްޓަންކުރުން ކަމަށް ވެސް ވެދާނެ އެވެ.

ހަމަ ގައިމުވެސް 150 ދައުވާ ހަތް ދައުވާއަށް ބަދަލުވެ، 800 އަހަރުގެ ޖަލު ހުކުމް 20 އަހަރަށް ބަދަލުވެގެން ދިއުމަކީ އާދައިގެ ޑީލްއެއް ނޫންކަން ހަމަ ވިސްނޭ ކޮންމެ މީހަކަށް އެނގޭނެ އެވެ. އަދީބަށް 800 އަހަރަށްވުރެ ބޮޑު ހުކުމެއް އަންނާނެކަން ފުރަތަމަ ހާމަކުރެއްވީ ވެސް އޭރު އަދީބުގެ ދިފާއީ ވަކީލަކަށް ހުންނެވި އަދި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.

އަދީބު ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދާން އުޅެނިކޮށް ހިފަހައްޓައި ރާއްޖެ ވެސް ގެނަ އެވެ. އަދި ހައްޔަރު ވެސް ކުރި އެވެ. ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކުރި އެވެ. އެއަށްފަހު ސަރުކާރުން އަދީބާއެކު ހެދި އިއުތިރާފްގެ އެއްބަސްވުމަކީ އެއާމެދު ރާއްޖޭގެ ގާނޫނީ ވަކީލުން އެތައް ސުވާލުތަކެއް އުފައްދާ އެއްބަސްވުމެކެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތްވެފައިވާ ފަރާތުން ދައުލަތަށް އެއްބާރުލުންދީގެން ހެދި ޑީލްގެ ދަށުން އޭނާ ވެސް ބޭނުންވާ ކަންކަން ޙާސިލްކުރުމަށް މަގުފަހިވީ އެވެ. ޚިޔާނާތްތެރިވި ރައްޔިތުންގެ ފައިސާއިން އެންމެ ރުފިޔާއެއް ވެސް ދައުލަތަށް ނުލިބި އެވެ. އަދީބު ދެމުންދާ މައުލޫމާތުގެ އަލީގައި އަބަދުވެސް ކޯޓަށް ޙާޒިރުކުރެވި މަތިމައްޗަށް ދަޢުވާ އުފުލެމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަންޏެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތަށް އިންސާފު ނުލިބޭނެ؟

ސިޔާސީ އެކިކަހަލަ ވައިރޯޅިއާ ގުޅިގެން ކުއްލި ކުއްލި އަށް ސޯޝަލް މީޑިއާއަށް ތިލަވަމުންދާ އަދީބުގެ ބަޔާންތަކުން ވެސް އެމްއެމްޕީއާރްސީގެ ފައިސާއަކީ ހަމައެކަނި ރައީސް ޔާމީންގެ ބޮލުގައި އަޅުވާލައިގެން ނިންމާލެވޭނެ އެއްޗެއް ނޫންކަން ވަރަށް ސާފެވެ. އެ ފައިސާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް އަދީބު ޝަރީއަތުގައި އިއުތިރާފްވި އެވެ.

ނަމަވެސް މި ބޮޑު ޚިޔާނާތުގެ މައްސަލައަށް އިންސާފު ލިބޭނެތޯ ކުރެވޭ ސުވާލަކީ ވަރަށް ބޮޑަށް އަޑިއަށް ފީނައިގެން ވެސް ޖަވާބު ނުލިބޭ ފަދަ ބޮޑު ސުވާލެކެވެ. ބަޔަކު ގަބޫލުކުރިއަސް، ނުކުރިއަސް ބޮޑު ޚިޔާނާތުގެ މޫ މިއަދުގެ ސަރުކާރުގެ އެކިއެކި ދިމަދިމާލަށް ފެތުރިފައިވަނީ ކޮނެގެންވެސް ނުނެގޭހާ ފުނަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ކުރިއަށްދާ ގޮތުން ސާފުވެގެންދާ އެއްކަމަކީ ޝަރުއީ ނިޒާމާއި ދިވެހި ރާއްޖޭގެ ސިޔާސީ ވެށި ގަޑުބަޑު ވެފައިވާ މިންވަރެވެ.

ތަޖްރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިސަރުކާރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓެއް ހާމައެއް ނުކުރާނެ އެވެ. އެ ޚިޔާނާތުން މި ސަރުކާރުގެ ބޮޑުންނަށް ސަލާމަތްވެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.

އަދީބާއެކު ހަދާފައިވާ ޑީލަކީ ސަރުކާރުން ބޭނުންވާ މިސްރާބަކަށް، ސަރުކާރުން ބޭނުންވާ ބަޔަކު ފްރޭމްކޮށް ޖަލުގެ ގޮޅިތަކަށް ލުމަށް ހެދި ޑީލްއެކެވެ. އޭގެ ނަތީޖާއަކީ އަދީބަށް ކުރެވުނު 20 އަހަރު ދުވަހުގެ ހުކުމާއެކީ ނިދާ މެޝިން ގުޅަން އޭނާ ގެއަށް ބަދަލުކުރަން ޖެހުމެވެ. އަދި ދުވަސްކޮޅަކުން ހުޅުމާލޭގެ އަމިން އެވެނިއުގައި ހުންނަ "ލަގްޒަރީ" އެޕާޓްމެންޓަކަށް އަދީބު ބަދަލުވުމެވެ.

ބޮޑެތި ކުށްވެރިން ތިބެންޖެހޭނީ "ފައިވް ސްޓާ" ފެންވަރުގައިކަން ސާފުކޮށްދެމުންނެވެ. އެއީ އަދީބު ވެސް ރުއްސައިގެން މަސަލަސް ކޮށްގެން އަރާމުގައި ނިންދަވައިގެން ނޫނީ މިސަރުކާރާއި އެމްޑީޕީގެ ބޮޑުންނަށް ވެސް އަރާމު ނިންޖެއް ނިދާލެވޭނެ ކަމަށް ނުފެންނާތީ އެވެ. މިވަރު ވާނީ ހަމަ ގައިމު ވެސް ކުރީ ސަރުކާރުގައި އެމްޑީޕީން އެޅުވި "ފަނި"ން ލިބުނު މަންފާ ބޮޑުވެ "ބްރޯ"ގެ ދަށުވެފައިވާލެއް ބޮޑުވީމަ ނޫންތޯ އެވެ؟