އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ "އަސްލު ވަގުން" ހިފާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަޖިލީހުން ނެގި ވޯޓުތަކަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތުން ފައިސާ ނަގައިގެން އެމްޑީޕީ މެންބަރުން އަދީބު ބޭނުންވިގޮތަށް ވޯޓުދީފައިވާ ކަމަށެވެ. އަދި ވޯޓު ދިނީ އަދީބު އަތުން ފައިސާ ނަގައިގެން ކަމަށް ވަނީ ތުހުމަތުކުރައްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މައިގަނޑު ސަބަބަކީ ހަގީގީ ވަގުން ރައްޔިތުންނަށް ދެއްކުން ކަމަށެވެ.
"އަޅުގަނޑަށް މި ފުރުސަތު ލިބިއްޖެ ކަމަށްވާ ނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކޮބައިތޯ ފައިސާ ނަގާފައި ތިބި ބަޔަކީ ކޮބައިތޯ ވައްކަން ކޮށްފައި ތިބި ބަޔަކީ ކޮބައިތޯ ކޮރަޕްޝަން ހިންގާފައި ތިބި ބަޔަކީ އަޅުގަނޑު ބޭނުންވޭ އެކަން ހާމަކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ނައިބު ރައީސަކަށް އަދީބު ހުންނެވި އިރު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އޭނާގެ އަތުން ފައިސާ ނެންގެވި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އެވަރުގެ ތުހުމަތެއް ކުރެވުމުން ރައީސްކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެގި މީހުން ޕީޕީއެމްގެ ސަރުކާރެއްގައި ހޯދައި އެ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ހަނިމާދޫ ރައްޔިތުން ބާލާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ހަނިމާދޫ ދެން ދޭނީ އިންޑިއާއަށް ކަމަށާއި ރާއްޖެ މިހާރު އޮތީ އިންޑިއާއަށް އަޅުވެތިވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.