މޮސްކޯ (09 އޮކްޓޯބަރު) - ރަޝިއާއިން އެގައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކްރިމިއާގެ ބްރިޖެއްގައި ބާރުގަދަ ގޮވުމެއް ގޮވައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިއާއިން ބުނާ ގޮތުގައި އިއްޔެގެ ހާދިސާ ހިނގާފައިވަނީ ތެޔޮ ބަރު ކޮށްގެން އެ ބްރިޖުން ދަތުރުކުރި އުޅަނދެއްގައި ރޯވެގެންނެވެ. މި ހާދިސާގެ ތުހުމަތު ރަޝިއާއިން އެއްވެސް ފަރާތަކަށް ކޮށްފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ކްރިމިއާ ބްރިޖަކީ 2014 ވަނަ އަހަރު ރަޝިއާއިން އެގައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ޔޫކްރެއިންގެ ކްރިމިއާގެ މުހިއްމު ބައެކެވެ.
މި ހާދިސާއަށްފަހު ދިހަ ގަޑިއިރު ތެރޭގައި ބްރިޖުގެ ޓްރެފިކް އަލުން ފަށާފައިވާއިރު އެންމެ ބޮޑަށް ގެއްލުންވި ރޭލު ޓްރެކްގެ ހިދުމަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރަޝިއާއިން ބުނެ އެވެ.
މި ހާދިސާގެ ޒިންމާ ރަސްމީ ގޮތުން އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް ޔޫކްރެއިންގެ ބައެއް އޮފިޝަލުންގެ ފަރާތުން ޝައްކު ކުރެވޭ ފަދަ ސޯޝަލް މީޑިއާ ޕޯސްޓްތަކެއް ވަނީ ފެނިފަ އެވެ.
އެގޮތުން ޔޫކްރެއިންގެ ނެޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލްގެ ވެރިޔާ އޮލެކްސީ ޑެނިލޯވް ވަނީ ހާދިސާގެ ވީިޑިއޯއެއް ޓްވިޓާގައި ހިއްސާކޮށް ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިންއަށް އޭނާގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.
ރަޝިއާއިން އިތުރަށް ބުނީ މި ހާދިސާއާއެކު ވެސް އެގައުމުން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކަށް އެއްގަމު މަގުންނާއި ކަނޑުމަގުން ދަތުރު ކުރެވޭނެ ކަމަށެވެ. -- އަލް އަރަބިއްޔާ