މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ޚާން ވެބް ސީރީޒްއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ޝޫޓިން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާރްޔަން މިހާރު އަންނަނީ ވެބް ސީރީޒްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން ވެސް ޝާހްރުކް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އާރްޔަން ފިލްމު ކުޅެން ޝައުގުވެރިނުވާ ކަމަށެވެ. އަދި އަރިއަން ބޮލީވުޑަށް ނިކުންނަނީ އެކްޓަރެއްގެ ގޮތުގައި ނޫން ކަމަށާއި އޭނާ މަސައްކަތް ކުރާ ކެމެރާގެ ފުރަގަހުގައި ކަމަށް ވެސް ޝާހްރުކް ވަނީ ބުނެފަ އެވެ.
އީޓައިމްސްގައި ނެރުނު އާ ރިޕޯޓެއްގައި ބުނެފައި ވަނީ މި އަހަރު ނިމޭއިރު އާރްޔަންގެ ވެބް ސީރީޒް މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. އަދި މިވެބް ސީރީޒްއަށް ތަރިން ހޮވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން މި ސީރީޒްގައި އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބިލާލް ސިއްދީގީ، އާއި އިމްރާން ހާޝިމީ ފެނިގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިއަހަރުގެ ކުރީކޮޅު އާރްޔަން ވަނީ މުމްބާއީގެ ސްޓޫޑިއޯއެއްގައި ވެބް ޝޯގެ ޓެސްޓް ޝޫޓެއް ކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާރްޔަން މަސައްކަތް ކުރާ ވެބް ސީރީޒް ގެނެސްދެނީ އެމެޒާން ޕްރައިމް އާ ގުޅިގެންނެވެ. އަދި ޝާހްރުކްގެ ރެޑް ޗިލީސް ގެނެސްދޭ ފިލްމެއްގައި ވެސް އާރްޔަން މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.