މަލްބަރޯ ސިނގިރެޓް ފޮށްޓެއް ނަގައިގެން ގޮސް، އެ ފޮށިން ސިނގިރެޓް ތުނބުގައި ޖަހައިގެން ތިބޭ ދެ ކާޅުގެ ފޮޓޯ 2010 ވަނަ އަހަރު އިނގިރޭސި ނޫހެއް ކަމަށްވާ "މެޓްރޯ"ގެ ކިއުންތެރިންގެ ސަމާލު ކަމަށް އަ އެވެ. އެ ދެ ފޮޓޯ ވަނީ މެޓްރޯއިން ކޮންމެ ހަފުތާއަކު ގެނެސްދޭ ކިޔުންތެރިންގެ އެންމެ މަގުބޫލު ފޮޓޯ މުބާރާތުން ޖެހިޖެހިގެން ހަތަރު ފަހަރު އެއްވަނަ ހޯދައިފަ އެވެ.
މި ދެ ފޮޓޯއަކީ އިނގިރޭސި ދެ ޓޫރިސްޓުން ރާއްޖެއަށް ކުރި ޗުއްޓީ ދަތުރެއްގައި އެ މީހުން ނެގި ދެ ފޮޓޯ އެވެ.
2010 ވަނަ އަހަރު މޭ މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބަހެއްގެ ތެރެއިން މެޓްރޯ ނޫސް ކިޔާލަން ލިބުމާއެކު ފުރަތަމަ ވެސް އަޅައިގަތީ ރާއްޖޭގެ ރިސޯޓެއްގައި ފަންގިން ހަދާފައި ހުރި ފުރާޅެއްގެ މަތީގައި ދެ ކާޅު ވަރަށް ރީތިކޮށް ސިނގިރެޓް ތުނބަށް ޖަހައިގެން ތިބި މަންޒަރެވެ. އެ ނޫހުގައި ވާގޮތުން އިނގިރޭސިވިލާތުގެ ސަސެކްސްގެ ދެމަފިރިން ކަމަށްވާ ޓޯނީ އާއި ޖޫޑީ އެލިސް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އެ މީހުންނަށް ފެނުނީ މަލްބަރޯ ސިނގިރެޓް ފޮށްޓެއް ހިފައިގެން އައިސް ބީޗް ވިލާއެއްގެ ފުރާޅުމަތީގައި ޖައްސާލި ކާޅެކެވެ.
ފުރާޅު މަތީގައި ސިނގިރެޓް ފޮށި ބޭއްވުމާއެކު އެހެން ކާޅެއް އައިސް އެ ކާޅާ ގުޅުނެވެ. އެއް ކާޅު އޭގެ ތުނބުން ސިނގިރެޓް ނަގައި ފުރާޅު މަތީގައި ބޭއްވި އެވެ. އެ ވަގުތު ދެން ހުރި ކާޅު ސިނގިރެޓް ނަގައި މީހަކު ސިނގިރެޓް ބޯން ތުނބުގައި ޖަހާގޮތަށް ޖަހައިލި އެވެ. ރާއްޖެއަށް ހަތަރު ފަހަރު ޒިޔާރަތް ކޮށްފައިވާ އެ ދެމަފިރިންނަށް މި މަންޒަރު ވީ އާދަޔާ ޚިލާފު ހައިރާން ކުރުވަނިވި މަންޒަރަކަށެވެ. އެހެން ކަމުން އެމީހުން އަވަސްވެގަތީ ކެމެރާ ގެނެސް އެމަންޒަރު ފޮޓޯ ނެގުމަށެވެ.
އިނގިރޭސި ދެމަފިރިންނާ ހަވާލާދީ އެ ނޫހުގައި ލިޔެފައިވާ ގޮތުން އެ ދެމަފިރިންގެ ތަޖުރިބާ ރިސޯޓުގެ މުވައްޒަފުންނާ ހިއްސާކުރުމުން ރާއްޖޭގައި ކާޅުތަކުގެ އުނދަގޫ ވަރަށް ބޮޑު ކަމަށް ބުނިކަމަށްވެ އެވެ.
ކާޅަކީ ރާއްޖޭގައި އެންމެ އާންމު، އެންމެ ގިނަ ދޫންޏެވެ. ދިވެހިންނަށް ކާޅަކީ އުނދަގޫ ބޮޑު ދޫންޏެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމަށް ވިޔަސް ހަގީގަތުގައި ކާޅުގެ ސަބަބުން ވާ ފައިދާތައް ވެސް ވަރަށް ގިނަ އެވެ. ކާޅު، ކާނާގެ ގޮތުގައި ބޭނުންކުރާ ފަނި ފަކުސައިގެ ތެރެއިން ވަރަށް ގިނަ ބާވަތްތަކަކީ ދަނޑުވެރިކަމަށް އޭގެ ސަބަބުން ގެއްލުންވާ ބާވަތުގެ ފަނި ފަކުސާތަކެވެ.
ކާޅުގެ ސަބަބުން އެފަދަ ފަނިފަކުސާތައް ކޮންޓްރޯލްވެ، ދަނޑުވެރިކަމަށް އެހީތެރިކަން ލިބިދެ އެވެ. މިކަމުގެ ވަރަށް ސާފު މިސާލެއް ދެކުނުގެ ބޮޑު ރަށެއް ކަމަށްވާ ފުވައްމުލަކުން ވަނީ ތަޖުރިބާ ކޮށްފަ އެވެ. 1970ގެ ފަހުކޮޅުގައި އެ ރަށުގެ ކާޅުތަކަށް ވިހަލައިގެން މަރާލި އެވެ. ބޭނުމަކީ ރަށުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ މަންފާ އިތުރު ކުރުމެވެ. މި މަސައްކަތަށް އެހީތެރިވީ ދުނިޔޭގެ ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާއިންނެވެ.
ކާޅުތައް ނެތި ދިއުމުން ރަށުގައި ހައްދާ އަނބާއި ފަޅޯފަދަ މޭވާ ގިނައިން ލިބޭ ގޮތްވި އެވެ. އެހެން ނަމަވެސް މާގިނަ ދުވަހެއް ނުވެ ރަށުގެ ހުރިހާ ބަނބުކެޔޮ ގަހެއް ފާޑެއްގެ ބައްޔެއް ޖެހިގެން މަރުވެ ހުސްވި އެވެ. ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި ބޮޑެތި ބަނބުކެޔޮ ގަހުގެ ބުޑުން ކޮނެގެން ގަސްމަރާލާ ފަންޏަކީ ކާޅު ވަރަށް ދަހިވެތިކަމާއެކު ކައި އުޅުނު ފަންޏެކެވެ. ކާޅު ހުސްވުމުން އެފަނިތައް އާލާވެ، ބަނބުކެޔޮ ގަސް ފަދަ ގަސްތައް އެއްކޮށް މަރުވެ ނެތި ދިޔައީ އެވެ.
ކާޅަކީ ވަރަށް ދޮށީ ދޫންޏެކެވެ. ކީރިތި ގުރުއާނުގައި ވެސް ކާޅުގެ ވާހަކަ އައިސްފައިވެ އެވެ. އެންމެ ފުރަތަމަ މަރުވި އިންސާނާ ކަމަށްވާ އާދަމުގެފާނުގެ ދަރިކަލުން ވަޅުލާންވީ ގޮތް ކާޅެއްގެ ޒަރީއާއިން ދަސްވި ކަމަށް ބަޔާންވެގެންވެ އެވެ. ކާޅުގެ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އެއަށް ގޯނާކުރާ އިންސާނުންގެ މޫނުގެ ސިފަ އެހެން ކާޅުތަކަށް ދަސްކޮށްދިނުމުގެ ކުޅަދާނަކަން އެއަށް ލިބިގެންފައިވުމެވެ. ސައިންސް ވެރިން ގަބޫލުކުރާ ގޮތުގައި ކާޅަކަށް ފާހަގަކުރެވިފައިވާ މޫނެއްގެ ސިފާ އެކާޅެއްގެ ހަނދާނުން ދުވަހަކު ވެސް ނުފޮހެވެ އެވެ. ދިމާވާ ހާދިސާތަކާ ގުޅިގެން ދުޝްމަނުންނާ ހަމަލަ ދިނުމުގައި ގްރޫޕް ހަދައިގެން ހަމަލާ ދިނުމަކީ ކާޅުގެ ސިފައެކެވެ.
ކާޅަކީ ކިތަންމެ އާދަޔާ ޚިލާފު ދޫންޏެއް ކަމުގައި ވިޔަސް ރާއްޖެއިން ޓޯނީއާއި ޖޫލީއަށް ފެނުނު ފަދަ ސިނގިރެޓް ބޯ ކާޅުތައް ދުނިޔެއިން ފެންނާނީ މަދުންނެވެ. މެޓްރޯގެ ކިޔުންތެރިންގެ މެދުގައި އެ ފޮޓޯތައް އެހާ މަގުބޫލުވީ އެހެންވެގެންނެވެ.
ތި ފޮޓޯ އަކީ ހަދާފަ ހުރި އެއްޗެއް ކަމަށް ފެންނަނީ. ސިނގިރޭޓު އިޝްތިހާރެއް ކަމަށް ފެންނަނީ.