ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހިޔާ މަޝްރޫއުގެ ހުރިހާ ކެޓަގަރީއެއްގެ ލިސްޓުތައް މި މަހުގެ ނިޔަލަށް ފައިނަލް ކުރެވޭތޯ މަސައްކަތް ފަށައިފި އެވެ.
ފްލެޓުގެ މައްސަލަ ބަލާ ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ރައީސް ތޯހާ މުހައްމަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ސިވިލް ސާވިސް ކެޓަގަރީ އަށް ފޯމުލީ ފަރާތްތަކުގެ ފޯމުތައް ދިރާސާކޮށް ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީގެ ވަގުތީ ލިސްޓު އަންނަ ހަފްތާގެ ތެރޭ އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.
ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓުތަކުން ފްލެޓު ދޫކުރަނީ މާލޭ ރައްވެހިންނަށާއި، މާލޭ ދަފްތަރުގެ މީހުންނަށާއި، އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޓީޗަރުންނާއި ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި ސިވިލް ސާވިސް މުވައްޒަފުންނަށެވެ.
މީގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ ފިޔަވާ އެހެން ކެޓަގަރީތަކުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހަޅަން މީގެކުރިން ހުޅުވާލާފައިވެއެވެ.
ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު މިހާރު ވަނީ ނެރެފަ އެވެ. ފްލެޓް ލިބުމުގެ ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުމުންނެވެ.
430 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.