ބޮލީވުޑް ކުރީގެ ބަތަލާ އަދި މަޝްހޫރު ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ ޔުނިވާސިޓީގައި އަލުން ކިޔަވަން ފަށައިފި އެވެ.
މަޝްހޫރު ލިޔުންތެރިޔާ، އަދި ކުރީގެ ބަތަލާ ޓްވިންކަލް އަލުން ޔުނިވާސިޓީއަށް އެނބުރި ދިޔައީ މާސްޓާސް ޑިގްރީ ހާސިލު ކުރުމަށެވެ. ލައިފް އެންޑް ކްރިއޭޓިވް ރައިޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރުމަށް ތައްޔާރުވަމުންދާއިރު، ޓްވިންކަލް ހުރީ މިކަމާ ވަރަށް އުފަލުންނެވެ.
ޓްވިންކަލް ކަންނާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އަލުން ކިޔަވަން ފެށޭތީ އުފާކުރާ ކަމަށެވެ. މިއީ ދެ އަހަރުގެ އިންތިޒާރުގެ ނިމުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގެ ޕޯސްޓާއެކު ފޭނުން ވަނީ ޓްވިންކަލްއަށް މަރުހަބާ ކިޔައިފަ އެވެ.
ޓްވިންކަލް އޭނާގެ ފުރަތަމަ ނޮން ފިކްޝަން ފޮތް "މިސިޒް ފަނީބޯންސް" ނެރުނީ 2015 ވަނަ އަހަރު އެވެ.
"ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގެ ނަމުގައި ނެރުނު ދެވަނަ ފޮތުގައި ޓްވިންކަލް ވަނީ އޭގެ ތެރެއިން އެއް ވާހަކައެއްގައި މުރޫގަނަންތަމް ކިޔާ މީހެއްގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދީފަ އެވެ. ފަހުން އެ ވާހަކައިގެ މައްޗަށް ވަނީ "ޕެޑް މޭން" ނަމުގައި ފިލްމެއް އުފައްދާފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނުނީ ޓްވިންކަލްގެ ފިރިމީހާ އަކްޝޭއެވެ.
1995 ވަނަ އަހަރު ބޮލީވުޑަށް ނިކުން ޓްވިންކަލްގެ މަޝްހޫރު ފިލްމުތަކަށް ބަލާއިރު "ބަރުސާތު" ު "ޖާން"، "ދިލް ތެރާ ދިވާނާ"، "ޖަބް ޕިޔާރު ކިސީ ސޭ ހޯތާ ހޭ"، "ބާދްޝާހު" އަދި "ގުލާމް" ހިމެނެ އެވެ.