މިހާރު ރާއްޖޭގައި ޓޫރިޒަމް ފުޅާވަމުން އަންނަ ގޮތުން، ރާއްޖެއަަށް ހާއްސަ އަދި މުޅި ދުނިޔެއިން ބަލައިގެންފައިވާ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓް ނެތި ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (ކޮލި މޮހޮދޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޖީއެމް ފޯރަމްގައި ވާހަކަދައްކަވަމުން ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކު ވިދާޅުވީ، މިކަންކަން ބަދަލުކޮށް، ނުވަތަ ތަފާތު ކޮންސެޕްޓަށް ތައާރަފް ކުރުމުގެ ބާރު އޮތީ ސަރުކާރަށް ކަމަށެވެ. އެހެން ނަމަވެސް ޓޫރިޒަމް ތަރައްގީ ކުރުމުގައި ރާއްޖެ ތަފާތުވާ ސިފަތައް ދެމެހެއްޓުމަށް އޭނާ ވެސް އެދިވަޑައިގަތެވެ.
"މިއީ ސަރުކާރަށް ކޮންޓްރޯލު ކުރެވޭނެ ކަންކަން. ސަރުކާރުގެ ޕޮލިސީތަކުން މިފަދަ ކަންކަން ކުރެވޭނީ. ރާއްޖޭގެ ޓޫރިޒަމް ކުރިއަރީ ބޮޑެތި ރިސްކުތައް ނަގައިގެން. އަޅުގަނޑުމެންގެ ތަޖުރިބާ ބޭނުންކުރޭ،" އޭނާ ވިދާޅުވި އެވެ.
އުމަރު މަނިކާއެކު ޓޫރިޒަމް ތައާރަފުކުރުމުގައި އިސް ރޯލެއް އަދާކުރެއްވި ކްރައުން ކޮމްޕެނީގެ ޗެއާމަން ޗަމްޕާ ހުސެއިން އަފީފު ވެސް ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ މިހާރު ރާއްޖޭގައި ޓޫރިޒަމް ފުޅާވަމުން އަންނަ ގޮތުން، ރާއްޖެއަަށް ހާއްސަ އަދި މުޅި ދުނިޔެއިން ބަލައިގެންފައިވާ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓް ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ.
"މިހާރު އެބަ ތަރައްގީ ކުރޭ އެއް ރިސޯޓާ 2 މީޓަރު ދުރުގައި އިތުރު ރިސޯޓެއް. [ރަށްތައް] ކައިރިވަމުން ކައިރިވަމުން މި އަންނަނީ،" އަފީފު ވިދާޅުވި އެވެ.
"އެއް ރިސޯޓުގައި ބޮޑުބެރު ޖަހާ އަޑު އެބައިވޭ ޖެހިގެން އޮންނަ ރިސޯޓަށް."
ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ކައިރި ކައިރީ ރިސޯޓުތައް ތަރައްގީ ކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވީ، މިހާރު ރިސޯޓުތައް ހަދަމުން އަންނަ ގޮތުން، ސްޕެއިން ފަދަ ގައުމުތަކުގައި ހޮޓާތައް އޮންނަ ގޮތް ސިފަވާ ކަމަށެވެ.
މި ފޯރަމުގައި އިންޑަސްޓްރީގެ 100 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާ ކަމަށް ހޮޓަލިއާ މޯލްޑިވްސްއިން ބުނެ އެވެ.