އިނގިރޭސި ވިލާތުގެ އެސެޝަން ކައުންސިލުން ޕްރިންސް ޗާލްސްއަށް ރަސްމީ ގޮތުން އެގައުމުގެ ރަސްކަން ހަވާލުކޮށްފި އެވެ.
ސެއިންޓް ޖޭމްސް ޕެލެސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗާލްސް ވަނީ މަންމާފުޅު އެލިޒަބަތުގެ ފައިންޕުޅު މަތިން ގައުމުގެ ކަންކަން ހިނުގެވުމުގައި ކުރިއަށް ވަޑައިގަތުމަށް ހުވާ ކުރައްވާފަ އެވެ.
މި ހަފްލާގައި ޓްރަމްޕެޓްތަކުގެ އަޑާއެކު ޗާލްސްއަށް ރަސްމީ އިއްޒަތުގައި ރަސްކަމުގެ ހުވާ ލައިދީފައިވެ އެވެ. މިއާއެކު ޗާލްސްއަށް ދެން މުހާތަބު ކުރެވޭނީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ ނަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމުރުން 96 އަހަރުފުޅުގައި ރާނީ އެލިޒަބަތު އަވަހާރަވުމާއެކު 73 އަހަރުގެ ޗާލްސްއަށް ރަސްކަން ވަނީ ވަގުތުން ވާރުތަ ވެފަ އެވެ.
ރަސްކަލެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވަމުން ޗާލްސް ވިދާޅުވާ މި ދަނޑިވަޅަކީ އެމަނިކުފާނާއި އާއިލާއަށް ވަރަށް ދަތި ދަނޑިވަޅެއް ކަމަށާއި އެހެން ނަމަވެސް ގައުމު ހިންގެވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
ޗާލްސް ރަސްކަމަށް އިސްވުމާއެކު ދޮށީ ދަރިކަލުން ވިލިއަމްއާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންއަށް ވަނީ ޕްރިންސް އެންޑް ޕްރިންސަސް އޮފް ވޭލްސްގެ ލަގަބު އަރުވާފަ އެވެ. ވާރުތަވަމުން އަންނަ މި ލަގަބަކީ މީގެ ކުރިން ޗާލްސް އާއި ޑައާނާއަށް ދެވިފައިވާ ލަގަބެކެވެ.