ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކޮށް، އިންޓާންޝިޕްގެ ހަތަރުވަނަ ބުރެއް ފަށައިފި އެވެ.
ބީއެމްއެލްއިން ދަސްވެނިވުން ފާހަގަކޮށްފައި ވަނީ އިންޓާންޝިޕްގެ ބެޗް ދޭ އަދި ބެޗް ތިން ގެ 30 ދަރިވަރުންގެ އެވެ. އަދި ހަތަރު ވަނަ ބުރަކަށް 15 ކުދިންނަށް ވަނީ ފުރުސަތު ދީފަ އެވެ.
ބީއެމްއެލްއިން ބުނީ 12 މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑައަޅާފަ އެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ދެވޭ އިނާޔަތަކީ ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމަކަށް ދެވޭ އެންމެ ރަނގަޅު އިނާޔަތެއްކަމަށް ބީއެމްއެލްއިން ބުނެ އެވެ. އިންޓާންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފަހި ފުރުސަތެއް ބައިވެރިންނަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮގްރާމް ނިންމާފައިވާ ކުދިންގެ ތެރެއިން ގިނަ ކުދިންނަށް މިހާތަނަށް ބީއެމްއެލް އާއި އެހެނިހެން މުއައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާ ކަމަށެވެ.
"މި ޕްރޮގްރާމް މެދުވެރިކޮށް ތައުލީމު ފޯރުކޯށްދޭ އިދަރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދެވޭ. މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ނިންމި ފަރާތްތަކުގެ ތެރެއިން %80 އަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލް އާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ވެސް ހުނަރުވެރި ގާބިލް މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތް ކުރަމުންދާނަން،" އޭނާ ވިދާޅުވި އެވެ.
ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ.