ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ނެންގެވުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހަފްތާގެ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
އަޑުއެހުން ހޯމަ ދުވަހަށް ތާވަލު ކުރިއިރު ރައީސް ޔާމީންގެ މައްސަލަ ބައްލަވާ އިސް ގާޒީ އަދިވެސް ހުންނެވީ ޗުއްޓީގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހަށެވެ. ނަމަވެސް މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ގާޒީ ޝަކީލް ހުންނަވާނީ ޗުއްޓީގަ އެވެ. މިކަމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހު 5 ވަނަ އޮންނަ އަޑު އެހުމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ނެގުމެވެ.
މީގެ ކުރިންވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ތާވަލްކުރި ނަމަވެސް ދެ މީހުން އެކުގައި ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް، ދައުވާ ލިބޭ ފަރާތްތަކުން އެދުމުން ގާޒީ އެގޮތަށް ނިންމެވީ އެވެ.
ރައީސް ޔާމީނަކީ މިހާރު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނަށް މިިދިޔަ މަހުގެ 19ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ.