އެކްޓަރު ރަންބީރު ކަޕޫރަކީ ވަރަށް ޖެއްސުން ކުރާ މީހެއް ކަމަށް ފިލްމީ ތަރި އަނުޝްކާ ޝަރްމާ ބުނެފި އެވެ.
އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެއް ކަމަށްވާ 'ކޮމެޑީ ވިތް ކަޕިލް' ޝޯގައި ވާހަކަދައްކަމުން ކަޕިލް ވަނީ އެކީގައި މަސައްކަތް ކޮށްފައިވާ ދެތަރިން ގާތު ދެތަރިންނާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.
އެގޮތުން ދެމީހުންގެ ތެރެއިން އެންމެ ޖެއްސުން ކުރަނީ ކާކުތޯ ސުވާލުކޮށްފައިވާއިރު، އަނުޝްކާ ވަނީ ރަންބީރަކީ ޖެއްސުން ކުރުމުގައި ހައްދެއް ނޯންނަ މީހެއް ކަމަށް ބުނެފަ އެވެ.
އެގޮތުން އެއްހާސް ސުވާލު އޭނާއާ ކުރާކަމަށް އަނުޝްކާ ބުނެފައިވެ އެވެ. އަދި އަނުޝްކާ އުޅޭ ކޮޓަރިއަށްދާ ވަގުތެއްގައި ކޮޓަރީގައި ހުންނަ ކޮންމެ އެއްޗެއް ހާވަން ފަށާކަމާއި ނުބަލާ ކަބަޑެއް ނޯންނަ ކަމަށް އޭނާ ބުނެފައިވެ އެވެ. ހަމައެހެންމެ އެ ކަބަޑެއްގައިވާ އެއްޗެއް ނަގައި އެއާ ގުޅިގެންވެސް އެތަކެއް ސުވާލެއް ކުރަން ފަށާކަމަށް އަނުޝްކާ ބުނެފައިވެ އެވެ.
އަނުޝްކާ މިފަދައިން ބުނި ނަމަވެސް ރަންބީރު އެކަމަށް އިންކާރުކޮށްފައެއް ނުވެ އެވެ. އަދި އޭނާއަށްވެސް އެންމެ ޖެއްސުން ކުރަނީ އަނުޝްކާ ކަމުގައި ރަންބީރު ބުންޏެވެ.
އަނުޝްކާ އާއި ރަންބީރު އެކީގައި މަސައްކަތްކުރީ ފިލްމު 'އޭ ދިލްހެ މުޝްގިލް' ފިލްމުގަ އެވެ. 2016 ވަނަ އަހަރު ރިލީޒްކޮށްފައިވާ އެ ފިލްމަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވެ އެވެ.