މޯލްޑިވް ގޭހުން ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން އެމައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވައިފި އެވެ.
އެސްސޯއީ ކޮމިޓީން ދިރާސާކުރި ރިޕޯޓުގައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ އެންމެހާ މުޢާމަލާތްތައް އެ ކޮމިޝަނުން ބަލާ ތަޙްޤީޤް ކުރުމަށްފަހު މަދުވެގެން ދެމަސް ދުވަހުގެ ތެރޭގައި އެ ރިޕޯޓް އެސްއޯއީ ކޮމިޓީއަށް ފޮނުވާ ދިނުމަށެވެ.
މިމައްސަލައާއި ގުޅޭގޮތުން އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓްގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ކުންފުނިން ގޭސް ގަންނަނީ މާކެޓް ރޭޓަށް ވުރެ ބޮޑުކޮށްކަމަށާއި އަދި އެކުންފުނި ހިންގުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓްގައިވެ އެވެ.
އެރިޕޯޓްގައި ބުނެފައިވަނީ ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45-60 އިންސައްތަ ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގުދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65-99 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އަދި މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އަދި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރާއި މިހާރުގެ މެނޭޖިން ޑިރެކްޓަރު ވެސް ކުންފުނި ހިންގުމުގައި އިހުމާލުވެފައިވާ ކަމަށާއި އެހެންކަމުން މިހާރު މެނޭޖިން ޑިރެކްޓަރެއް ނެތި ކުންފުނި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއްގެ ދަށުން ހިނގަމުންދާތީ ސަރުކާރާ ގުޅިގެން ވީހާވެސް އަވަހަށް ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެސްޓީއޯއަށް އަންގާފައިވެ އެވެ. އަދި ގޭހުގެ އަގުހެޔޮކުރުމަށް ގޭސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި ގޭހުގެ އަގު ހެޔޮ ކުރުމަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ޕްލޭނެއް އެކުލަވާލާ ދެމަސްދުވަހުގެ ތެރޭގައި އެސްޓީއޯ އަށާއި އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް ވެސް އަންގާފައިވެ އެވެ.
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރުވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފަ އެވެ. ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައި އޭނާގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އަދި އެސްއޯއީ ކޮމިޓީއަށްވެސް ހާޒިރުކުރި އެވެ. ނަމަވެސް ޝަޒައިލް ބުނެފައިވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
އޭސީސީ އަށް ލާފަ ތިބީ ކަމަށް ކުފޫ ހަމަނުވާ މީހުންކަން މި ޚަބަރުންވެސް ެ އެގޭ. ބަޔާން ނެގިތާ 1 އަހަރު. އެމްޑީ ގެ ބޮލުގަ ބަދުނާމް އަޅުވާ އާއިލާއަށް ލިބެމުންދާ އަނިޔާ އަށް ކާކުހޭ ބަލަނީ. މީ މި ގައުމުގެ އިންސާފު.