ކޮންމެ މީހަކަށްވެސް ނިދާގަޑިޔަކީ ފޯނު ޗާޖުކުރުމަށް އެންމެ ފަސޭހަ ގަޑިއެވެ. ސަބަބަކީ އެ ގަޑީގައި އެއްވެސް މީހަކަށް މެސެޖުކުރަން ނުވަތަ ގުޅަން ނުޖެހޭނެ އެވެ.އަދި އިންޓަނެޓް ބޭނުންކުރުން ފަދަ އެއްވެސް ކަމެއް ފޯނުންނުކުރަން ނުޖެހޭނެތީ އެވެ. އަދި ނިދާ ހޭލައިގެން ދުވަހުގެ ކަންކަމާއި ކުރިމަތިލާއިރު ފޯނު އޮންނާނީ ފުރިހަމައަށް ޗާޖުވެފައި ކަމަށްވާތީ އެވެ. އެހެންނަމަވެސް މިއީ ކިހާ ނުރައްކާތެރިކަމެއްކަން ގިނަ މީހުންނަށް އޮންނަނީ ނޭނގިފަ އެވެ.
ކޮންޒިއުމާ އެފެއާސްގެ ކަންކަމުގައި ތަޖުރިބާކާރު ފަރާތްތަކުން ބުނާގޮތުގައި ނިދަން ދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އެގޮތަށް އަމަލުކުރުމުން އަލިފާނުގެ ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
އެ ފަރާތްތަކުން ބުނާގޮތުގައި ފޯނު ގިނަ އިރުތަކެއްވަންދެން ޗާޖަށްޖަހާފައި ބޭއްވުމުގެ އިތުރުން ޗާޖުކުރުމަށް ފޯނު ބާއްވާތަނަކީވެސް ހޫނުވުމުގެ ފުރުސަތު އޮތުމާއިއެކު ހޫނުވެގެންގޮސް، ފޮތި ނުވަތަ ގޮދަނޑިފަދަ އަލިފާން ހިފުމުގެ ފުރުސަތު ބޮޑު ތަނެއްގައި ބޭއްވުމުން އަލިފާން ރޯވެދާނެތީ އެވެ.
ބައެއް ތަޖުރިބާކާރު ފަރާތްތަކުން ވަނީ ފޯނު %100 އަށް ފުރިހަމައަށް ޗާޖުކުރުމަކީވެސް ގޯސްކަމެއްކަމަށް ބުނެފަ އެވެ. އެފަރާތްތަކުން އެހެން ބުނާ ސަބަބަކީ ފޯނުގެ ބެޓަރީގެ އުމުރު ކުރުވުމުގެ އިތުރުން ފޯނު ބޭނުންކުރުމަށް ދަތިވެ އެތައް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެތީ އެވެ.
ވީމާ، ދެން ނިދަން ދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖަށްޖަހާފައި ބޭއްވުމުގެ ކުރިން އެކުރެވެނީ ކިހާ ނުރައްކާތެރި ކަމެއްކަމާއިމެދު ވިސްނާލާށެވެ