ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގެ ހަގީގަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޯވްމަންޓް، އެމްއާރްއެމުން ގޮވާލައިފި އެވެ.
ސިޔާސީ ދާއިރާގައި ހަރަކާތް ތެރިވަމުންދާ ބައެއް ބޭފުޅުން ދައްކާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އަރާތީ އެކަންކަން ސާފުކޮށް ދިނުމަށް ކަމަށްބުނެ އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއް ކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާއި އެކަށީގެންވާ ގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ހައްގު ތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް އެންމެ ކުރިއަށް ދިޔައީ ރައީސް މައުމޫންގެ ޒައާމަތުގައި ކުރިއަށް ގެންދެވި އިސްލާހީ މަގު ޗާޓުން ކަމަށެވެ.
ފެހި ގާނޫނުއަސާސީއަށް 14 އަހަރު ފުރި އެ ގާނޫނުއަސާސީގެ ދަށުން ރައީސް މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވިތާ 14 އަހަރު ފުރެން ދާއިރު މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދިން އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ވެރީން ނެރެވިފައި ނުވާ ކަން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންސާނީ ހައްގުތަކުގެ ހާލަތާއި ވާނުވާ ޖަހައި ޖަލަށްލުމާއީ އިޖުތިމާއީ ރައްކާތެރިކަމާއި ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައި ނުވާކަން ރައްޔިތުން ފާހަގަކުރެ އެވެ. އަދި މުޖުތަމައުގެ ރައްކާތެރިކަމާއި ދީނީ އެއްބޢިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
އަދި ދިވެހިން މި ދެކޭ އަމާން ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.