ޕުޓްރަޖާޔާ (23 އޮގަސްޓް) - ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓު ކަމަށްވާ ފެޑަރަލް ކޯޓުން ދަމަހައްޓައިފި އެވެ.
ފަސް ގާޒީންގެ ޕެނަލަކުން ކުރިއަށް ގެންދިޔަ މި މައްސަލަ ނިންމާލުމަށްފަހު ޗީފް ޖަސްޓިސް މައިމުން ތުއާން ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް ހައްގު ނޫން މަންފާތަކެއް މި ކަމުގައި ލިބިފައިވާ ކަމަށާއި އެހެން ކަމުން ދަށު ކޯޓުން ކުރި ހުކުމަކީ ސައްހަ ހުކުމެއް ކަމަށެވެ.
މައިމުން އިތުރަށް ވިދާޅުވީ ރައްޒާގު އޭނާއަށް ކުރެވޭ ތުހުމަތު ތަކުން ސަލާމަތް ވެއްޖެނަމަ އެކަން ވެގެންދާނީ އިންސާފަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ކަމަށެވެ.
"ޝަރީއަތަށް ހުށައެޅުނު ހެކި ތަކަށް ބަލާއިރު ދައުވާ ލިބޭ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވޭ،" މައްސަލަ ނިންމި ރިޕޯޓުގައި ބުނެފައިވެ އެވެ.
ރައްޒާގަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވެނީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ފަންޑެއް ކަމަށްވާ އެމްޑީބީއިން 10.1 މިލިއަން ޑޮލަރު އަމިއްލަ ފައިދާއަށްޓަކައި ބޭނުން ކުރި މައްސަލާގަ އެވެ.
ރައްޒާގުގެ މައްޗަށް އެންމެ މަތީ ކޯޓުން މި ހުކުމް ކޮށްފައި މިވަނީ އޭނާގެ ސިޔާސީ ޕާޓީ މެލޭޝިއާގެ އިންތިހާބުގައި 2018 ވަނަ އަހަރު ބޮޑުތަނުން ބަލިވެފައި ވަނިކޮށެވެ. -- ދަ ސްޓްރެއިޓް ޓައިމްސް