ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ނުޖެހޭ ގޮތަށް ހެދުމަށް އިސްލާހެއް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.
މިދިޔަ މަހު އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނިކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ދޭން ލާޒިމް ކުރާމް އިނާޔަތްތަކެވެ. މިހާރު އެ މާއްދާ އޮންނަ ގޮތުން ބޮޑެތި އިނާޔަތްތަކެއް ކުރީގެ މެންބަރުންނަށް ލިބެ އެވެ.
އިމްތިޔާޒް ގާނޫނުގައި މިހާރު ބުނެފައިވަނީ މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހޭނެ ކަމަށެވެ. އަދި ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 45 ޕަސެންޓު ދޭންޖެހެ އެވެ.
އޭގެއިތުރުން މަޖިލިސް މެމްބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށާއި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދިނުމަށް އެ ޤާނޫނުގައި ވެއެވެ. އުޝާމް ހުށައަޅުއްވާފައިވަނީ އެ އިނާޔަތްތައް އުނިކުރުމަށެވެ.
ވަރައް ރަނގަޅު ކަމެއް މާބޮޑައްވެސް ލަސްވެއްޖެ އަދި ދޫކޮއްފައިވާ ފައިސާވެސް އަތުލެވޭ ގޮތައް އިސްލާހު ކުރައްވާ
މީ އެންމެ އަވަހަށް ކުރަންޖެހިފައި އޮތް ކަމެއް. މަޖިލީހުގަ ގިނައީ މުސާރަ ހައްގުވާ ވަރުގެ މަސައްކަތެއް ވެސް ނުކުރާ މެންބަރުން. އެކަމަކު މިކަމެއް ނުވާނެ އެހާ ފަސޭހައަކުން.