ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ފެށިގެން މިހާރު ކުރިއަށްދާއިރު، ޕާޓީ އެތެރޭގައި އުފެދިފައިވާ ބައިބައިވުން ވަރަށް ރަގަޅަށް ވެސް ފެނިގެންދެ އެވެ. ޕާޓީގެ އިސް ދެ ލީޑަރުން އެކުގައި ފެނިގެންދިޔަ ނަމަވެސް ދެ ލީޑަރުންގެ ވާހަކަތަކުން ޕާޓީގައި ހައްލުކުރަން ޖެހިފައިވާ މައްސަލަތަކެއް ހުރިކަން ފާހަގަވެގެންދެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވެސް ގަބޫލުކުރައްވާ ގޮތުގައި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކޮށްގެންނެވެ. އެހެން ނަމަވެސް ދެ ފަރާތުން ވެސް ދޫކުރާ ކަހަލަ މަންޒަރެއް މިހާތަނަށް ފެނިގެން ނުދެ އެވެ. އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ހައްލު ކުރުމުގެ މަޝްވަރާތަކެއް ކޮންގްރެސް ތެރޭގައި އަންނަނީ ކުރަމުންނެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށިގެން މިހާތަނަށް އައިރު ރައީސް ނަޝީދު އަންނަނީ އެމަނިކުފާނު ހުށަހަޅާފައިވާ ބަރުލަމާނީ ނިޒާމަށް ގަރާރަށް ތާއީދު ހޯދުމުގެ ގޮތުން އެކި ވާހަކަތައް ދައްކަވަމުނެވެ.
މީގެ ކުރިން ރައީސް ނަޝީދުގެ ކިބައިން ނުފެންނަ އެތަކެއް މަންޒަރުތަކެއް މި ކޮންގްރެސްގައި ފެނިގެންދެ އެވެ. އެމަނިކުފާނު އަންނަނީ އެ މަނިކުފާނުގެ ވިސްނުން ކޮންގްރެސްގެ ބައިވެރިންނާ ހިއްސާކޮށް އެ މީހުން ކައިރީގައި އާދޭސް ދަންނަވަމުންނެވެ.
ވާހަކަ ދެއްކުމަށް ލިބޭ ކޮންމެ ވަގުތެއް ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވުމަށް މެންބަރުން ކިބައި އެދެ އެވެ. އަދި އެމަނިކުފާނު ހުށަހަޅާފައިވާ ގަރާރަށް ތާއީދު ނުލިބިއްޖެނަމަ ޕާޓީއާއެކު ނުހުންނަވާނެ ކަމުގެ އިންޒާރު ވެސް ރައީސް ނަޝީދު ވަނީ ދީފަ އެވެ.
"ތަކުރާރުކޮށް ދަންނަވާނަން. މުޅި ޕާޓީ އެކީގައި ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ތިބޭފުޅުންނާ އެކު ނުނުކުމެވޭނެ. އަޅުގަނޑުގެ އުންމީދަކީ އަދި ވަރަށް ބޮޑަށް އެދޭ އެދުމަކީ، އާދޭހަކީ، އަޅުގަނޑުގެ ހިތުގެ ހާލިސްކަމާ އެކު މި ދަންނަވަނީ، އަޅުގަނޑުމެން އެންމެންނަށް އެކީގައި ތިބެވެން އެބަ އޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭ އާއި މިއަދު ހެނދުނު ރައީސް ނަޝީދަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ބަރުލަމާނީ ނިޒާމް ތާއީދު ހޯދުމަށް ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އެމަނިކުފާނަށް ހިތްހަމަޖެހިލައިގެން ނުހުންނެވޭކަން ވަނީ ޔަގީންވެފަ އެވެ. އަދި ގަރާރަށް ކޮންގްރެސްއިން ކާމިޔާބު ނުލިބޭނެކަން ރައީސް ނަޝީދަށް ޔަގީން ވެފައިވާއިރު، ރައީސް ނަޝީދު އަންނަނީ އެކަމަށް ތާއީދު ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ފުރަތަމަ ދަންފަޅިއަށްފަހު ބައިވެރިން މެންދުރުގެ ކެއުމަށް އިންސާފު ކުރައްވަން ތިއްބެވި ވަގުތު ކޮޅަށް ތެދުވެވަޑައިގެން ނަޝީދު ވަނީ އޭނާ އަބަދުވެސް ދެކެވަޑައިގަންނަވަމުން ގެންދަވާ ހުވަފެން ހަގީގަތަށް ހެއްދެވުމަށްޓަކައި އާދޭސް ދެންނެވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އެކުގައި އޮންނާނެ ހަމައެކަނި ގޮތަކީ ނިޒާމީ ވޯޓަކަށް ދިޔުމަށް ފުރުސަތު ދިނުން ކަމަށެވެ.
''މި ތަނަށް ވަޑައިގެން ތިއްބެވި ގޮފިތަކުގެ ރައީސުން ވެސް އަދި ކައުންސިލުތަކުގެ މެންބަރުން ވެސް މިކަމާ ވިސްނަވާ. ވިސްނަވާފައި އަޅުގަނޑަށް ވެސް ތިބޭފުޅުންނާ އެކީގާ ތިބެވޭނެ ގޮތަކަށް ކަންކަން ރާވާ. އަޅުގަނޑަކަށް ނެތް, އަޅުގަނޑަކަށެއް ނެތް ކަންކަން ހަމަނުޖެހެނީހެއް, ހަމަ ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީއޭ ބުނެ އަބަދު މި ގޮތަށް ހުރެވޭކަށް ނެތް. އެއީ ރާއްޖޭގެ ރައްޔިތުން ކުރާނެކަމެއް ނޫން. މިފަހަރު މާލޭގަ ކައުންސިލު އިންތިޚާބުގަ ވެސް އަޅުގަނޑުމެންނަށް އެކަން ފެނުނު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީ އަބަދު މިގޮތަށް އުޅެވެން ނެތް ކަމަށެވެ.
"އަޅުގަނޑަކަށެއް ނެތް، އަޅުގަނޑަކަށް ނެތް، [އެ] ކަންކަން ހަމަނުޖެހެނީހެއް ހަމަ ޕީޕީއެމް ވެރިކަމަށް އަތުވެދާނެތީ އަބަދު މި ގޮތަށް ހުރެވޭކަށް،" ނަޝީދު ވިދާޅުވި އެވެ.
ކާން ތިބި މަންދޫބުންގެ ކިބައިން، ތަކުރާރުކޮށް، އާދޭހާ އެކު އެދިވަޑައިގަތީ ގަރާރާ މެދު ފުންކޮށް ވިސްނުމަށެވެ. ޕާޓީއަށް ވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވަރަށް، ވަރަށް ބޮޑު އާދޭހެއް [މިއީ]. އާދެ، ތީގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑު ދެކެ ހިތްހަމަ ނުޖެހިދާނެ. އެކަމަކު ތިބޭފުޅާ ތި ހުންނެވި ވަޒީފާ ސަލާމަތް ކުރެވެން އޮންނާނީ އަޅުގަނޑުމެންނަށް އިތުރު ދައުރެއް ހޯދިގެން. އެ ދައުރެއް ނުހޯދޭނެ އަޅުގަނޑުމެން އެންމެން އެކުގައި ނުތިބެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސައްކަތްކުރައްވަނީ 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ހޯދައިދޭން ކަމަށެވެ. އަދި މަންދޫބުން މިހާރު ތިބި ވަޒީފާ ގެއްލިދާނެތީ ބިރުނުގަނެ، ގަރާރާ މެދު ވިސްނުމަށް އެދިވަޑައިގެންނެވި އެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު އާދޭސް ކުރައްވަމުން ގެންދެވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެގާރަށް ތާއީދު ނުކުރައްވާކަން އިއުލާނު ކުރައްވާފަ އެވެ.
"ރަނގަޅު ޑިބޭޓެއް އެކަމުގައި މާދަމާ ދާނެ. ކޮންމެ ގޮތެއް ވިޔަސް، ރައީސް ނަޝީދު އެއޮތީ ވަކިގޮތެއް އެ އޮތީ އިއުލާން ކުރައްވާފައި. އަޅުގަނޑަށް ފެންނަ ގޮތް އެ އޮތީ އިއުލާންކޮށްފައި. ދެން އޮންނާނީ ހައްލު ހޯދުން. އަޅުގަނޑުމެން ކޮންމެ ލީޑަރަކު ކޮންމެ މީހަކު ވިސްނަންވާނެ، ގައުމުގެ މުސްތަގުބަލަށް ޕާޓީގެ މުސްތަގުބަލަށް އެއަށްފަހުގައި އަޅުގަނޑުމެން ގޮތެއް ނިންމަންވާނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީގެ 1،352 ކޮންގްރެސްމަނުން އެ ބައްދަލުވުންތަކުގައި ބައިވެރިވާ އިރު ނިޒާމީ ބަހުސް އާއި އަސާސީ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް އޮތީ މިއަދު އެވެ. އެހެންކަމުން ރައީސް ނަޝީދުގެ އާދޭހުގެ އަޑާމެދު ކޮންގްރެސް ބައިވެރިން ގޮތެއް މިއަދު ނިންމާނެ އެވެ. މިއާއެކު އެމްޑީޕީގެ އެންމެ އިސްގުނަވަނުގައި އެމަނިކުފާނުގެ ބަސް ވިކޭ މިންވަރު ވެސް ހާމަވެގެންދާނެ އެވެ.
ވެރިކަން ބޭނުން ވެގެން ތެޅޭ ވަރު ..... މާރީ
މިހާރު ނަސީދު އުޅޭ ގޮތުން ހާޖާނުހަދާނަމަ ރަނގަޅީ ވަކިވުން