ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު "މާސްޓަ ޝެފް އިންޑީއާ"ގެ އާ ސީޒަން ސޮނީ ޓީވީއިން ގެނެސްދޭން ނިންމައި އޭގެ ޕޮރޮމޯ ދައްކަން ފަށައިފި އެވެ.

"މާސްޓަ ޝެފް އިންޑިއާ"ގެ ހަ ޝޯ ގެނެސްދީފައި ވަނީ ސްޓާ ޕްލަސްއިންނެވެ. އެހެން ނަމަވެސް ދެ އަހަރުގެ މެދުކެނޑުމަށްފަހު ހަތް ވަނަ ސީޒަން ގެނެސްދިނުމަށް ނިންމާފައިވަނީ ސޮނީ ޓީވީނެވެ.

މިހާރު މިޝޯގެ ޕްރޮމޯޝަންތައް ސޮނީ ޓީވީއިން ދައްކަން ފަށާފައިވާއިރު މިޝޯ ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

"މާސްޓަ ޝެފް އިންޑިއާ" ގެ ހަ ވަނަ ސީޒަން ގެނެސްދިނީ 2020 ގަ އެވެ. އެ ސީޒަން ކާމިޔާބުކުރީ އަބިނާސް ނަޔަކެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "މާސްޓް ޝެފް އިންޑިއާ" ގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2010 ގަ އެވެ.

އެ ޝޯގެ ޖަޖެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ވެސް ބައިވެރިވި އެވެ.

ނަމަވެސް އާ ސީޒަންގެ ޖަޖުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުން ތަޖުރިބާކާރު ތިން ޖަޖަކު ޝޯގައި ބައިވެރިވާނެ އެވެ.

"މާސްޓަ ޝެފް އިންޑިއާ"ގެ ސަބަބުން އިންޑިއާގެ އާންމުންނަށް ކެއްކުމުގެ ހުނަރު ދައްކާލުމަށް ޕްލެޓްފޯމެއް ލިބިގެންދާއިރު، އެ ޝޯގައި ކެރިއާއެއް ބިނާ ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އިންޑިއާގައި "މާސްޓަ ޝެފް" ހިންދީ ބަހުގެ އިތުރުން ތެލެގޫ އާއި ތަމަޅަ ބަހުން ވެސް ގެނެސް ދީފައިވެ އެވެ.