ދިވެހި ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރު ދިނުމަށް މަޖިލީހުގެ 241 ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ފުލުހުންނާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ވަގުތާ ޙާލަތަށް ބަލާ، ފުލުހުން ގެންގުޅެން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރުގެ ހުއްދައާއި އެކު ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ހަތިޔާރާއި އާލަތްތައް ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ. އަދި ހަތިޔާރުގެ ގޮތުގައި ބެލެވޭނީ ފަޔަ އާމްސްއާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ ފަރުދެއް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުން ކުރަންޖެހޭ ޙާލަތްތަކުގައި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަ ލީތަލް ހަތިޔާރު ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
ހަތިޔާރު ގެންގުޅުމަށްޓަކައި މިބިލު ގާނޫނަކަށްވުމުން އެ ގާނޫނުގެ ދަށުން ގަވައިދެއް ހަދަންޖެހެ އެވެ.
ފުލުހުންގެ ތެރޭގައި ބަޣާވާތެއް ކޮށްފިނަމަ އަމަލު ކުރާނެ ގޮތްތައް ވެސް ކޮމިޓީން ގެނައި ބަދަލު ތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން ބަޣާވާތެއްކުރަން އުޅެފިނަމަ ނުވަތަ އެފަދަ ކަމެއް ރާވައިފިނަމަ އަދި އެފަދަ ކަމެއް އެނގި އިސްވެރިއަކަށް ނާންގާ ހުންނަ ކޮންމެ ފުލުހެއް ވެސް ކުށްވެރިވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ބަޣާވާތްކުރުން ކަމަށް ބެލެވޭ ޙާލަތްތައް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. ފުލުހަކު ވަޒީފާ ދޫކޮށް ފިލައިގެން ގޮސްފިނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާން އުޅުމަކީ ވެސް ޖިނާއީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވަނީ ހިނގަމުންދާ ކުށުގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑު ތަހުލީލު ކުރުމުގެ ނުވަތަ އޮޓޮޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ. އޭގެ އިތުރުން ވަޅުލާފައިވާ ބިދޭސީ މައްޔިތެއްގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ގެންދިޔުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގެ ހުއްދަ ލިބިގެން ވަޅުލާފައިވާ ހަށިގަނޑު ނުވަތަ އެވަގުތަކު ފެންނަން އޮތް ހަށިގަނޑުގެ ބައެއް ނުވަތަ ބައިތަކެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެ އެވެ.
ލާމަރުކަޒީކޮށް ފުލުހުންގެ ޚިދްމަތް ދިނުމަށް މާލޭގެ އިތުރުން ފުލުހުންގެ އިދާރާ ލާމަރުކަޒީ އުސޫލުން ހިންގާނެ ފަސް ސަރަހަދެއް ކަނޑައަޅާ އެއިން ކޮންމެ ސަރަހައްދެއް ހިންގުމަށް ރީޖަނަލް ކޮމާންޑުން ކަނޑައެޅުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާއި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ އުސޫލުތައް އެއްގޮތް ކުރުމުގެ ގޮތުން ފުލުހުން އަމަލު ކުރާނެ އިޖުރާއަތުތަކާއި ގުޅޭ މާއްދާތައް އެޤާނޫނާއި ޙަވާލާދީ މި ބިލުން އުނިކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
މި ބިލަށް ގެނެވުނު އިސްލާޙުތަކާއެކު އަންނަ ހަފްތާގައި މި ބިލު ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.