ހިޔާ މަޝްރޫޢުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފެލްޓްތަކުގެ ތެރެއިން ހައުސިން މިނިސްޓްރީން އިއުލާންކުރި އެޗް7 ކެޓަގަރީގެ ވަގުތީ ފްލެޓް ލިސްޓުގައި ލިސްޓުގައި ނެތް 655 މީހަކަށް ފްލެޓް ދީފައިވާ ކަމަށް 7،000 ފްލެޓު ދެމުންދާ ގޮތާއި، އަދި ގޯތި ހޯދުމަށް އެދިއެދި ތިބި ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް އުފެއްދި ޖަމްއިއްޔާ "އާއްމުންގެ އެކުވެރި ގުޅުމުން" ބުނެފި އެވެ.
އެޗް 7 ކެޓަގަރީއަކީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީ އެވެ.
މިފަހަރު އުނި ކުރެވުނު، ކުރިން ފްލެޓު ލިބި ދައުލަތުގެ ނިޝާން ޖެހި ލިޔުން ލިބިފައިވާ 655 އާއިލާ އަށް ފްލެޓު ދީފައިވަނީ ނުހައްގުން ކަމަށް މިސަރުކާރުން ގަބޫލުކޮށް އެ ފަރާތްތައް ލިސްޓުން އުނިކުރި ސަބަބު އެ ފަރާތްތަކަށް އެނގެންޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި ހަމަ އެހެންމެ މިސަރުކާރުން އޭގެ ބަދަލުގައި ފްލެޓުދިން 655 ފަރާތަށް ފްލެޓު ދޭން ޖެހުނު ސަބަބުވެސް ސާފުވާން ޖެހޭކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެ އެވެ. ލިސްޓުން އުނިކުރެވުނު 655 ޢާއިލާއާއި އަދި ލިސްޓަށް އިތުރުކުރި 655 ޢާއިލާ އިތުރުކޮށް އުނިކުރެވިފައިވަނީ އިންސާފުވެރިކޮށްތޯ ޔަގީންވާން ޖެހޭކަމަށާއި އެކަން ނުކޮށް ލިސްޓު ފައިނަލް ކުރުން އެއީ އެންމެ އިންސާފުވެރިގޮތް ކަމަށް ނުވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
ކުރިން މި ކެޓަގަރީއަށް ކަނޑައަޅާފައިވަނީ 1،000 ފްލެޓް ކަމަށްވިޔަސް މިސަރުކާރުންވަނީ މިކެޓަގަރީން ފްލެޓް ދޫކުރާ އަދަދު 805 އަށް ކުޑަކޮށްފަ އެވެ. މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ. އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 1248 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެ އެވެ.
މި ލިސްޓު އިއުލާން ކުރުމާގުޅިގެން ޢާންމުންގެ އެކުވެރި ގުޅުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ބަޔަކު ދަނީ "ފްލެޓްތައް ފޭރިގެންފި" ކަމަށް ބުނެ އަޑު އުފުލަމުންނެވެ. އަދި ކުރިން ފްލެޓް ލިޔުން ޙަވާލުކޮށްފައިވާ ފަރާތްތައް މިފަހަރު އުނިކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ޢާއްމުންގެ އެކުވެރި ގުޅުމުން" ބުނެފައިވަނީ މިފަހަރު ލިސްޓުން އުނިކުރި ފަރާތްތައް އުނިކުރީ ކީއްވެގެން ކަމާއި އަދި އަލުން ލިސްޓުގައި ހިމެނުނު ފަރާތްތައް ހިމެނިފައިވަނީ ކޮން އުސޫލަކުންކަން ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.
އަންގާރަ ދުވަހު އާއްމުކުރި ލިސްޓުން ނަން އުނިކޮށްފައިވާ ފަރާތަކުން ބުނެފައިވަނީ "ކުރިން 88 ޕޮއިންޓްސް ލިބިފައި، މިހާރު 56 ޕޮއިންޓް ދީފައި. މިއޮތީ ކަނޑައެޅިގެން ކަޓުވާލާފައި،" އިޙްސާސްތައް ހާމަކުރަމުން އޭނާ ބުނެފައިވެ އެވެ.
"މިހިރީ އަޅުގަނޑު ދިރިއުޅޭތަން،" ވަރަށް ކުޑަ ކުޑަ ކޮޓަރިއެއްގެ ފޮޓޯ ގްރޫޕަށް ޝެއާކޮށްފައި އެހެން މީހަކު ބުންޏެވެ. "ހުރިހާ ބޭފުޅުންވެސް މިތަން ބަލަން އާދޭ! މިއީ އަޅުގަނޑު އުޅޭ ޙާލު ތިން ކުދިން ގޮވައިގެން. އެކަމަކު މިފަހަރު ދިރިއުޅުމުގެ ޙާލަތުން ޕޮއިންޓް އުނިކޮށްފައިވަނީ. މިއީ ކޮން އިންސާފެއް؟." އޭނާ ސުވާލުކުރި އެވެ.
އޭނާ އިތުރަށް ބުނީ 2018 ވަނަ އަހަރު ފްލެޓް ލިޔުން ލިބުނު އިރު އޭނާގެ ޢާއިލާގެ ދިރިއުޅުމުގެ ޙާލަތަށްވުރެ މިހާރު އަދި މާ ނިކަމެތި ކަމަށެވެ. އެހެންވެ އޭނާ ކަޓުވާލީ ކޮންގޮތަކަށް ބަލާފަތޯ ސުވާލު ކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ މިފަހަރު މާކްސްދިން ގޮތް ވިދާޅުވެދެއްވާފަ އެވެ. އަސްލަމް ވިދާޅުވީ މީހުންގެ މާކްސްއަށް އައި ބަދަލުތައް މިހާރު އާންމުކޮށްފައިވާ ލިސްޓްތަކުން ފެންނާނެ ކަމަށެވެ. އެގޮތުން މާކްސް އުނިއިތުރުވި ބައިތަކާއި، އިވެލުއޭޓް ނުކުރެވުނު ނަމަ އެކަންވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުގައި މީހުންނަށް މާކްސް ދީފައިވަނީ ހުށައަޅާފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް، އިތުރު ބެލުމެއް ނެތި ކަމަށެވެ.
އަސްލަމް މިހެން ވިދާޅުވި ނަމަވެސް ފްލެޓް ލިސްޓުން އުނިކުރި ގިނަބަޔަކު ދަނީ އެ ފަރާތްތަކުގެ ނަން އުނިކޮށްފައިވަނީ ނާއިންސާފުން ކަމަށް އަޑުއުފުލަމުންނެވެ.
"މިއީ ކިހިނެތް ޙާލަތު ބަލާފައި؟ ތިން ކުދިންނާ މަންމައާއި އެއްކޮށް ދެމަފިރިން އެއްކޮޓަރީގައި ނިދަނީ. އެކަމަކު ޕޮއިންޓް ދަށްކޮށްފައި. ކުދިންގެ ބައިންވެސް ޕޮއިންޓް ދަށްކޮށްފައި. ކޮންގޮތަކަށް ޙާލަތު ބަދަލުވީ؟." މާކްސް ދީފައިވާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އެހެން މީހަކު ޝަކުވާކޮށްފައިވެ އެވެ.
މިފަދަ އެތައް ޝަކުވާތަކާ ގުޅިގެން މިއަދު ހައުސިން މިނިސްޓަރާ މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތެރެއިން އެއްވެސް މީހަކަށް ލިބުނު ފްލެޓް އަތުލިކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި ކޮމިޓީން ލިއެފައި އޮތީ ގިނަ މީހުން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިނޫޅުމެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުން ކަމަށް ބުނެ އޮޅުވާލައިގެން އެ ކެޓަގަރީ އަށް ފޯމު ލާފައިވާ ކަން ވެސް ލިސްޓުން ފެންނާން އޮތް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ގިނަ ބަޔަކު ފޯމު ލައިގެން ފްލެޓް ލިބުނު ކަމުގެ ތުހުމަތު ކުރިން ވެސް ކުރިން ވެސް ކުރެވިފައިވާ ކަމަށާއި ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގައި ފްލެޓް ދީފައި ވަނީ އެންމެ އިންސާފުވެރިކޮށްތޯ ބަލަން މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހެދީ އެފަދަ ޝަކުވާތަކާ ހެދި ކަމަށް ވެސް ލިޔެފައިވެ އެވެ.
މިވާހަކަތަކާ ގުޅިގެން އެއަށް ރައްދުދީ އާއްމުންގެ އެކުވެރި ގުޅުމުން ބުނެފައިވަނީ އެންމެނަކީ މަކަރުވެރި ހީލަތްތެރިންނެއް ނޫނެވެ. އެ އެންމެނަކީ ރަށުގައި އުޅެމުން މާލޭގައި އުޅޭ ކަމަށް ބުނި ބައެއް ވެސް ނޫން ކަމަށެވެ.
ފްލެޓް ކޮމެޓީގެ އުސޫލުން އެމީހުން އެއީ ކުށްވެރިންނަށްވަނީ ކަމަށެވެ. ވީމާ ނޫސްވެރިން ރައީސް އޮފީހުން ފޮނުވާ ލިޔުން ކޮޕީ-ޕޭސްޓު ކޮށް އެތައް ހާސް ރައްޔިތުންނަށް "ވަގަށް" ގޮވުމުގެ ކުރިން ކޮންމެ ވެސް ވަރަށް ދިރާސާ ކުރުން މުހިންމު ކަމަށެވެ.
މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ވަކާލުކުރި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަން ކޮންމެ ރައްޔިތަކަށް ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ކުރީ ސަރުކާރުން ހިޔާ ފްލެޓް ދީފައިވަނީ އިންސާފުން ނޫން ކަމަށާއި މިވެރިކަމުގައި ފްލެޓް ލިސްޓް އަލުން ބަލާ ޙައްޤުވެރިންނަށް ފްލެޓް ދޭނެ ކަމަށް ވައުދުވެފައިވެ އެވެ. ނަމަވެސް މިސަރުކާރު އައިސް ދެ އަހަރުވީއިރު ވެސް އަދިވެސް ފްލެޓްތައް ލިބޭނެ ބަޔަކު ކަނޑަނޭޅިގެން އުޅޭތީ އެތައްބަޔަކު ދަނީ އެކައަމާ ހިތްހަމަ ނުޖެހިގެން އަޑު އުފުލަމުންނެވެ. އަދި ފްލެޓްތަކުގެ އިންތިޒާރުގައި ކެތްތެރިކަން ކޮޅުންލާފައިވާ އެތައް ފަރާތްތަކަށް އެތަނަށް ވަދެވޭނެ ދުވަހެއް އަދިވެސް ޔަގީންނުވެ، ލިބިފައިވާ މާޔޫސްކަން ދަނީ އިތުރުވަމުންނެވެ.
އެފަރާތްތަކުން ބުނަމުންދަނީ މިސަރުކާރަށް އެއީ "ކޮތަރު ކޮށްޓެއް" ކަމަށް ފެނުނަސް އެމީހުންނަށް އެއީ "ގަނޑުވަރުތައް" ކަމަށެވެ.
މިސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން "މުރާޖައާ"ކޮށް މިހާރު ލިސްޓްތައް އަލުން ނެރެމުންދާއިރު، ކުރިން ކަނޑައަޅާފައިވާ އަދަދަށްވުރެ ފްލެޓްތަކުގެ ޢަދަދުތައް އެކި ކެޓަގަރީތަކުން މަދުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ވަރަށް ދަތިހާލުގައި ދިރިއުޅެމުންދާ އާއިލާތައް ބާކީ ކުރަމުންދާތީ ގިނަ ބަޔަކު ދަނީ މިއީ އިންސާފެއް ނޫން ކަމަށް ބުނެ އަޑު އުފުލަމުންނެވެ. ގިނަބަޔަކު ބުނަމުންދަނީ މިސަރުކާރުން އިންސާފު ހޯދައިދޭނެ ކަމަށް ބުނެ އިއުލާންކުރި ލިސްޓުތަކުގައި ބޮޑުތަނުން "ނާއިންސާފު" ވެފައިވާ ކަމަށެވެ. އަދި އިންސާފު ހޯދުމަށް އެންމެން ނުކުންނަން ވީ ކަމަށެވެ.
އަސްލަންޓޭ އެވެ، ކެވޭނީ ވަކި ވަރަކަށެވެ، ޖަލުން ޖާގައެއް ހޯދާނެއެވެ. ހުޅުމާލޭގައި ތިޔަ ގަންނަ ގަނޑު ނޭގޭނެ ކަމަށް ހީނުކުރާށެވެ. ޙަރާމެއް ހަލާލެއް ނުބަލައި ވާވަރު ކޮއްލަނީ ތޯއެވެ؟
ވަރަށް ނާއިންސާފު. ކުރީ ސަރުކާރުން ލިބުނު ވަރަށް ވެސް މިސަރުކާރުގަ ޕޮއިންޓް ނުލިބެ. އޭރު 2 ކުދިން މިހާރު 4 ކުދިންނާ ދެމަފިރިން އެންމެ ކޮޓަރި އެއްގައި އުޅޭ އިރުވެސް ޕޮއިންޓް ވީ މަދު. މުޅިން ޕާޓީ މީހުންނަށް ފްލެޓް ތައް ބާހާލީ.