މާލޭގައި މިރޭ ވަރަށް އަނިޔާވެރިކޮށް މަރާލީ ފުވައްމުލަކު ޒުވާން އަންހެން ކުއްޖެއްކަން ކަށަވަރުވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މަރާލާފައި ވަނީ ފުވައްމުލަކު މާދަޑު އަވަށު، ކުރި، ޝިއާއު ސައީދު 22، އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާ އެވެ.
މިރޭ 10:30 ހާއިރު، މަރާލާފައި އޮތް އަންހެން ކުއްޖާ ފެނިފައި ވަނީ ޗީބޯ ގޯޅި ތެރޭގައި ހުރި ހ. ޝީރީން ވިލާގަ އެވެ.
އަންހެން ކުއްޖާގެ ހަށިގަނޑު ދުށް މީހަކާ ހަވާލާދީ އެ ނޫސްވެރިޔާ ބުނީ، ބޯ ބުރިކުރުމުގެ އިތުރުން އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ ކަމަށް އެ މީހާ ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ އަންހެން ކުއްޖާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށްލައިގެން ގެންދިޔައިރު ވަކި ދެ ބޭގެއް ގެންދިޔަ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ވަކި ގެންދިޔަ ބޭގަކީ އެ އަންހެން ކުއްޖާގެ ބޯ ހިފައިގެން ދިޔަ ބޭގް ކަމަށް އޭނާ ބުންޏެވެ.
ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ނޫސްވެރިޔާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. އަދި އެއީ ރާއްޖޭގެ އެންމެ މޮޅު އެއް ސްކޭޓަރު، ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް 22، ކަމަށްވެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ.
އެ ހަމަލާދިން ފިރިހެން މީހާ ފުލުހުން ގެންދިޔައީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް މަގު ބަންދުކުރުމަށްފަހު ހެޒްމަޓް ސޫޓު ލައްވައިގެން ފުލުހުންގެ ވެހިކަލެއްގަ އެވެ.
މި ދެ މީހުން އުޅެނީ އިނދެގެން ނޫންކަން ކަށަވަރުވެފައިވެ އެވެ.