ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ހުށައަޅައިފި އެވެ.
މިމައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެދި ކަމާ ގުޅޭ އިދާރާތަކަށް ހުށައަޅާފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އަހްމަދު ސަލީމު (މާޒް ސަލީމު) އެވެ. އޭނާ ވަނީ މިމައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓާއި، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށާއި، ފުލުހުންގެ އިދާރާއަށް ހުށަހައަޅާފަ އެވެ.
ސަލީމް މި މައްސަލަ ހުށައަޅާމުން އިދާރާތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ބޭނުންވުމުން އެ ފޮޓޯތައް އާންމުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން ރާއްޖޭގެ މީޑިއާގައި އެ ވާހަކަ ފަތުރާފައިވާ ކަމަށާއި ރައީސްއަށް ތުހުމަތުކުރާ މައްސަލައަކީ ގާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ސިފަތަކަށް އުނިކަން ލިބޭ ތުހުމަތެއް ކަމަށްވެސް ބުނެފައިވެ އެވެ.
"ދަންނަވަމެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އެ ވިދާޅުވާ ކަހަލަ ފޮޓޯއެއް ނުވަތަ ފޮޓޯތަކެއް އެއްވެސް ފަރާތެއްގެ އަތުގައިވުމަކީ ގާނޫނީ ކުށެކެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ އެފަދަ ފޮޓޯތަކެއް ހުރި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވަމުން މިއީ މިފަދަ އިސްލާމީ ގައުމެއްގެ ރައްޔިތުންނަށް ކުޑަ މައްސަލައެއް ނޫނެވެ،" ސިޓީގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވާ ފޮޓޯތައް އެމަނިކުފާނުގެ އަތްޕުޅުގައި ހުރިކަން ކަށަވަރުކުރުމަކީ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށާއި އެ ފޮޓޯތައް ރައީސް ނަޝީދުގެ އަތްޕުޅުގައި ހުރިކަން ތަހުގީގަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ ގަޒްފުގެ ހައްދު ކަނޑައެޅިފައިވާ ކުށެއްކަން ވެސް ބުނެފައިވެ އެވެ. ރައީސް ނަޝީދު ވަނީ ރައީސް ސޯލިހް ބްލެކްމެއިލްކޮށްފައި ކަމަށް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށާއި މިއީ ވެސް ގާނޫނުގައި އަދަބު ކަނޑައެޅިގެންވާ ކުށަކަށްވާތީ މިމައްސަލަ ނުބަލައި އަދި ފިޔަވަޅު ނާޅާ ތިބުމަކީ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ރައީސް ސޯލިހް ހިލޭ އަންހެނަކާއެކު ޒިނޭކުރާ 4 ފޮޓޯ އެމަނިކުފާނުގެ އަތްޕުޅުގައި އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ރައީސް ސޯލިހުވަނީ ތަރުޖަމާނު މަބްރޫކް މެދުވެރިކޮށް އެކަން ދޮގު ކުރައްވާފަ އެވެ.