އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދު އިތުރުކޮށްފި އެވެ.
ނޫސްވެރިޔާ ނަސީރު އެހެން ފިރިހެނަކާއެކުގައި އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފަ އެވެ.
ނަސީރާއެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވުމާއެކު އޭނާއާއެކު އެ އަމަލު ކޮށްފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް އާާންމުން ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެފަދަ އަމަލެއް ސަލީމް ނުކުރާނެ ކަމަށް ބުނެ ނަސީރު ވަނީ ސަލީމްގެ ދިފާއުގައި ސޯޝަލްމީޑިއާގައި ވާހަކަ ދައްކާފަ އެވެ.
ސަލީމަށް އެ ތުހުމަތު ކުރުމާއި ގުޅިގެން އޭނާ ސަލީމް ވަނީ އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ. އަދި ވީޑިއޯއިން ފެންނަނީ ސަލީމް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ނާސިރުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި މީގެ ދުވަސްތަކެއް ކުރިން އާންމުވި ވީޑިއޯގައި ފެންނަ އަލަމް ގީރް ވެސް ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.