މާލޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ފްލެޓަށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދެން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މީހުންނަށް އެހީތެރިވުމަށް މޭޒުތައް ބަހައްޓާފައި ހުންނާނީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި (ތައިސޭކޮށި) އަދި ކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށް އެކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 26 އަށް، ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށެވެ.
ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 2:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 10:00 އާ ހަމައަށް ފޯމު ފުރުމާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ފޯމު ފުރުމުގައި ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު އެމްޑީޕީން ވެސް ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އާންމުންނަށް ޝެޝަންތަކެއް ބާއްވަން ފަށައިފަ އެވެ.
ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް މާލެ ސިޓީގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އެދިވަޑައިގަންނަވާފަ އެވެ.
ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅު ހިއްކާ ސަރަހައްދުން 2000 ގޯތި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ މަހުގެ 29 ގަ އެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވާލިއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.