މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެކަކު ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި ކޮރަޕްޝަން ހިންގާފައިވަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ބައެއް މީހުންނާ ގުޅިގެން ކަމަށް މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ރާއްޖެ ޓީވީއާ ވާހަކަދައްކަވަމުން، ކުންފުނިން މި މައްސަލައާ ގުޅިގެން ހެދި އޮޑިޓުން މި ވައްކަން ހިނގިކަން ސާފުކޮށް އެނގިފައިވާ ކަމަށެވެ. އަދި މި ވައްކަމުގައި ބައިވެރިވި މުވައްޒަފުންގެ ތެރެއިން އެކަކު އިއުތިރާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން އެފްއެސްއެމްގެ ބައެއް ފަރާތްތަކާ ގުޅިގެން ކަމަށް ވެސް ބަޔާން ދީފައި އެބައިން. އެހެންވެ މި ހުރިހާ ފައިންޑިންގްތަކާއެކު ރެކޮމެންޑޭޝަންތަކާއެކު ބޯޑަށް ހުށަހެޅުނީ. މި ރެކޮމެންޑޭޝަން ތަކަކީ ހޯދުނު ހޯދުންތަކުން އިތުރަށް އިންވެސްޓިގޭޓް ކުރަން ޖެހޭ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލްގައި މުވައްޒަފުންތަކެއް ތެލުގެ ވިޔަފާރިން އަށް މިލިއަން ރުފިޔާގެ ވައްކަމެއްކޮށްފައިވާ ކަމަށް ފަޅާ އަރުވާލީ އެކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އެވެ. އެ މައްސަލަ ރަނގަޅަށް ނުބަލާކަމަށް ވިދާޅުވެ، އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.
އެމްޕީއެލްގެ ތެރޭގައި ހިންގި ކޮޕަރްޝަންގެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ސަސްޕެންޑް ކޮށްފައިވާ އިރު، އެ ތިން މީހުންނަކީ ވެސް ޕްރޮކިއުމެންޓްގެ ޖޫނިއާ ސްޓާފުންނެވެ.
ޝާހިދު ވިދާޅުވީ ކުންފުނީގެ ތެރޭގައި ކޮރަޕްޝަން ހިންގާފައިވާކަން އެނގުނީ މީގެ މަހެއްހާ ދުވަސް ކުރިން އާންމުކޮށް ހަދާ ހުރިހާ ރިޕޯޓުތައް ތައްޔާރުކުރުމުގެ ތެރޭގައި ފިއުލް ކޮންސަޕްޝަން ރިޕޯޓުން ކަމަށެވެ. ލޮކްޑައުންގެ ސަބަބުން ކޮންމެ މަހަކު އެއް ފަހަރު ހަދާ ރިޕޯޓުތައް ހުރީ ނުހެދި ކަމަށާއި އެހެންކަމުން އޭގެ ކުރީ ތިން މަހުގެ ރިޕޯޓުތައް އެކުލަވާލާފައި ނެރުނު އިރު އާންމު އުސޫލުން ތެޔޮ ގަންނަ އަގަށްވުރެ ބޮޑުކޮށް ތެޔޮ ގަނެފައިވާކަން މެނޭޖްމެންޓަށް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެންގެ އޮޕަރޭޝަން ލެވެލްވެސް ތަންކޮޅެއް ދަށް. މުދާ އަންނަ ނިސްބަތުން މުދާ އައުންވެސް ދަށް. އެހެންވީ އަސްލު ތެޔޮ މައްޗަށް ގޮސްގެން ނުވާނެކަން އަޅުގަނޑުމެންނަށް ފެނޭ. އެކަމަކު ކޮންސަޕްޝަން ރިޕޯޓުން މި ފެނުނީ ތެލުގެ ކޮންސެޕްޝަން މައްޗަށް ގޮސް ހުރިކަމަށް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެކަމާ ގުޅިގެން ވަގުތުން އޮޑިޓް ކުރަން ނިންމި ކަމަށާއި އޮޑިޓް ފަށައިގެން ކުރިއަށްދާތާ މަހެއްވަރު ވެދާނެ ކަމަށެވެ. އެގޮތުން ލިޔެކިޔުންތަކެއް ފޯޖް ކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ތެލަށް ރިކުއެސްޓްކުރާ ފޯމްތަކެއްގެ ފޮޓޯކޮޕީ ހަދައި އޭގެ ނަމްބަރުތައް އޮޅުވާލައިގެން ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަމަށެވެ. އަދި ތަހުގީގު ކުރިއަށްގެންދިއުމަށް އެކަމުގައި ޝާމިލުވާ މުވައްޒަފުންގެ ތެރެއިން ބަޔަކު ވަގުތުން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގެއަށް ފޮނުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން މިކަމާ ގުޅުންހުރި މުވައްޒަފުންގެ ނެގި ބަޔާންތަކުގެ ތެރެއިން އެއް މުވައްޒަފަކު އިއުތިރާފުވެސް ވެއްޖެ ތިމަންނަމެން މިކަން ކުރަމުން ގެންދާ ކަމަށް. އަދި ކުރި ކަމަށް މި ލޮކްޑައުން ތެރޭގައި. ދެން އަދި މިކަން ކުރަނީ ތެޔޮ ސަޕްލައި ކުރާ ފަރާތް، އެއީ އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިގެ ބައެއް ފަރާތްތަކާ ގުޅިގެން ކަމަށްވެސް ބަޔާންދީފަ އެބައިން،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓާއެކު ބޯޑަށް ހުށަހެޅުނީ ރެކޮމެންޑޭޝަންތަކަކާއެކު ކަމަށާއި އެއީ މިހާރު މި ހޯދުނު ހޯދުންތަކުން އަދި އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ލިޔެކިޔުންތަކެއް ފޯޖްކޮށްފައި ހުރުމާ ގުޅިގެން ޖިނާއީ މައްސަލައަކަށް ވާތީ، ފުލުހަށް ހުށަހަޅައި މައްސަލަ އިތުރަށް ތަހުގީގުކުރަން ނިންމި ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލް އޮފީހަށް ވެސް ހުށަހަޅަން ނިންމި ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.