ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ ކ.މާފުށިގެ އިރުން 140 މޭލު ބޭރުން، ޚާއްސަ އިގްތިސާދީ ސަރަޙައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 3" ދޯނިން އިއްޔެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކުރި ކަމަށެވެ.
"މި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައި. އަދި އިންޑިއާއިން ރީފިޓްގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު ބޯޓުގައި ހަ ފަޅުވެރިން ތިބި،" އެމްއެންޑީއެފް އިން ބުންޏެވެ.
މިއީ ކޮން ގައުމެއްގެ މަސް ބޯޓެއް ކަމެއް ސިފައިން އަދި ނުބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން އެ މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުން ކަމަށެވެ. މި ބޯޓަށް މާލެ އަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް ސިފައިން ބުންޏެވެ.
މި ފުރުސަތުގައި ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު ދަންނަވަމެވެ. އަދި އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯރޓް ކުރި "އަސުރުމާ 3" ދޯނީގެ ކެޕްޓަނަށާއި ހީވާގިފަޅުވެރިނާއި އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދެއްވި އެއްބާރުލުމަށް އެމްއެންޑީއެފް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.