އިލްމުވެރިންނަށް ވަނީ ވަކި ޖަމާއަތަކަށް ނިސްބަތްވުމުން ކަމަށް ދެކުމަކީ ބޮޑާކަމާއި ޖަހާލަތުގެ ސިފައެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައްދުދެއްވައިފި އެވެ.
އާދަލަތު ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ހިނދުކޮޅަކަށް ވެސް މިނިވަންކަން ނަގާލުމަކީ ބަދަލުނުދެވޭ ވަރުގެ އަނިޔާއެއް ކަމަށެވެ. އަދި ދީނީ އިލްމުވެރިންނަށް ވަނީ ވަކި ޖަމާއަތަކަށް ނިސްބަތްވުމުން ކަމަށް ދެކުމަކީ ބޮޑާކަމާއި ޖަހާލަތުގެ ސިފައެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޖަލުގައި އިލްމުވެރިންނާ ސިޔާސީ މީހުން ތިބިއިރު އެއް ޖިންސުން ގުޅުން ހިންގި މީހުން ތިބީ ކޮންތާކުތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ. ބިރަކާ ނުލައި މަޖާ ކުރުން ބޮޑު ކުށަކަށް ނުވާއިރު މި ސަރުކާރުން އިލްމުވެރިއަކު ހައްގު ބަސް ބުނުމުން ޓެރަސްރިސްޓުންނަށް ހަދައި ޖަލަށްލާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ދީނީ އިލްމުވެރިއަކަށް އަނިޔާ ނުކުރާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އިއްޔެ ވިދާޅުވި އިރު، ޔޯގާގެ ޝިރުކާ ދެކޮޅަށް ނިކުތުމުން ޝައިޚް އާދަމް ނިޝާން މުހައްމަދާއި ޝައިޚް މުހައްމަދު ފަޟްލޫނު މިދިޔަ މަހުގެ 21 ގައި ހައްޔަރުކުރި ގޮތަށް އަދިވެސް ތިބީ ބަންދުގަ އެވެ. އެ މީހުން ބަންދުގައި ތިބި ނަމަވެސް ފުލުހުންނަށް އެމީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ.
މިފަހަކަށް އައިސް އިމްރާން އަންނަނީ އަދާލަތުން އަބަދުވެސް އިސްލާމްދީނަށް ނަސްރުދޭނެ ކަމަށާއި އެ ޕާޓީހާ ގިނައިން ދީނަށް ހިދުމަތްކުރި ބަޔަކު ރާއްޖޭގައި ނެތްކަމަށް ވިދާޅުވެ ތަފާތު ޓުވީޓުތައް ކުރައްވަމުންނެވެ. އެކަމަކު އިމްރާން އުޅުއްވަނީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް ބުނެ ކޮންމެ ޓުވީޓަކާއެކުވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓަރު އިމްރާނަށް އަމާޒުވެ އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާއިރު އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމީހުންނާ މެދުގައި ފިޔަވަޅު އަޅާފައިނުވާތީ ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.