ކ. މާފުށީގައި ހުންނަ ޖަލަށް ވަގަށް ވަންނަން މަސައްކަތްކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ އެކަކު ޖަލަށް ލުމަށާއި އަނެކަކު ބޮޑަ އަދަދަކުން ޖޫރިމަނާ ކޮށްފި އެވެ.

އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު އަދި ނ. މަނަދޫ، ކެރީބިއަން، އިބްރާހީމް ޖަޒުލާންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިމަހުގެ ހަވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާގެ މައްޗަށް ބަލާ ދެ މީހުންގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ހުކުމް ކޮށްފަ އެވެ.

އެގޮތުން ދެ މީހުންވެސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި ތަހުގީގަށް ބަންދުކޮށްފައި ހުރި ދުވަސްތައް ކަނޑާލުމުން ހައްމާދު ޖަލުގައި ހުކުމް ތަންފީޒު ކުރަންޖެހެނީ ހަތަރު މަހާއި 14 ދުވަހު އެވެ.

ޖަޒްލާން ތަންފީޒު ކުރަންޖެހެނީ ހަތަރު މަހާއި ހަ ދުވަހެވެ. މިއީ ޖަޒްލާންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވުމުން އޭނާގެ ޖަލު އަދަބު ވަނީ ޖޫރިމަނާ އަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން ޖަޒްލާން 53،600 ރުފިޔާ އިން ޖޫރިމަނާކޮށް ހުކުމް ކުރި ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ޖަޒްލާނާއި ހައްމާދު މާފުށި ޖަލަށް ވަންނަން އުޅެނިކޮށް އެ މީހުން ހައްޔަރުކުރީ ސެޕްޓެމްބަރު 22، 2019 ގަ އެވެ. ޖަލަށް ވަންނަން އުޅުމަށްފަހު ފުލުހުން ފެނުމުން އެ މީހުން ވަނީ ޖަލަށް ވައްދަން ގެންގުޅުނު ދަބަހާއި އޭގައި އޮތް ފޯނާއި ހެޑްސެޓާއި ޔޫއެސްބީ ކޭބަލްތައް އެތަނަށް އެއްލާލާ ފިލަން މަސައްކަތް ކޮށްފަ އެވެ.