ރާއްޖޭގެ އަތޮޅުތެރޭގައިވާ ބައެއް ރަށްތައް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކޯސްޓަލް އެނަލިސްޓެއް ހޯދަން އެންވަޔަރްމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނުގައި ބުނީ މިނިސްޓްރީން އާންމުކުރި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ރާއްޖޭގެ ގޮނޑުދޮށް ހިމާޔަތްތެރިކަމާ އެކު ދެމެހެއްޓުމަށް ސްޓްރެޓެޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކުގެ އިތުރުން އެކަމަށް ހާއްސަ އެކި ޕްރޮގްރާމްތައް ރޭވުމުގެ މަސައްކަތްތައް ކުރުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ރަށް ގިރުމުގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވާންޖެހޭނެ ކަމަށާއި، އެކަމަށް ހައްލު ހޯދަން ކުރަންޖެހޭ އެކި ކަންކަމުގައި ހަރަކާތްތެރިވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ހަމައެހެންމެ ރަށް ގިރުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާތައް ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ އެކި ސަލާމަތީ ފިޔަވަޅުތައް މަޝްރޫއުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގަތުމަށް މަސައްކަތް ކުރަން ޖެހޭނެ ކަަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، ގުދުރަތީ ގޮތުންނާއި، އިންސާނުންގެ ސަބަބުން ރާއްޖޭގެ ރަށްރަށް ގިރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އާންމުން ދިރިއުޅޭ ރަށްތަކުން ގާ، ވެލި އަދި އަކިރި ނެގުމާ ގުޅޭ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން އެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ އެވެ. އަދި ރަށްތައް ގިރުމުން ދުރުކޮށް، ރައްކާތެރިކަމާ އެކު ދެމެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ވަޒީފާ އަދާކުރާ މީހަކަށް ދިނުމަށް ހަމަޖެހިފައިވާ މުސާރައަކީ 6،295 ރުފިޔާ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި -/2000 ރުފިޔާ އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތައިގެ އިތުރުން ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28 އިންސައްތަ ލިބޭނެ އެވެ.
ވަޒީފާއަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެމިނިސްޓްރީން އަންގާފައިވެ އެވެ.