ހުސްވެފައިވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމެއް ހުސްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މ. ގުލްޝަން، ދީބާނާޒް ފަހުމީ އައްޔަން ކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި ދީބާނާޒު ހަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.
ޖޭއެސްސީން ވިދާޅުވީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމަށް އެދޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ އިނާޔަތްތަކާއިއެކު 48،300 ރުފިޔާ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 30،000 ރުފިޔާ އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާގެ އިތުރުން، ރިސްކް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 3,300.00 ރުފިޔާ އެވެ.