ސްރީލަންކާއަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލަންކާގެ އިގްތިސާދީ ކާރިސާގެ ހާލަތު ގޯހުން ގޯހަށް ގޮސް އެ ގައުމުގެ ރައްޔިތުންގެ މުޒާހަރާއަށް ނިކުމެ، ރިޔާސީ ގަނޑުވަރާއި ރައީސްގެ އޮފީސްކޮޅަށް ވެރިވެފައިވެ ރައީސްއާއި ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމަށް ނިންމާވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވަނީ މަޖިލީހުގެ މެންބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ކަމަށެވެ. އެކަމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވީ މިއަދު ލަންކާއަށް ކުރިމަތިވެފައިވާ ހާލަތަކީ ދަރަނި އަދާކުރަން އިތުރު ދަރަނި ނެގުމުގެ ނަތީޖާ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވުމުންނެވެ.

ލަންކާއަށް އިގްތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާއިރު ރާއްޖެއަށްވެސް މިފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބައެއް ތަޖްރިބާކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ދަނީ ރަނގަޅަށް ކަމަށާއި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.