ޕަންޖާބީ އެކްޓަރެސް ސަރުގުން މެހްތާ ބޮލީވުޑް ފިލްމަކުން ފެންނަން ތައްޔާރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަރްގުން މެހްތާ ބޮލީވުޑަށް ތައާރަފްވާ މި ފިލްމަކީ "މިޝަން ސިންޑްރެއްލާ" އެވެ.
އުމުރުން 33 އަހަރުގެ ސަރުގުން ބޮލީވުޑަށް ތައާރަފުވާ ފިލްމުގައި ލީޑްރޯލުން ދެން ފެންނާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާއިރު މިފިލްމާ ބެހޭ ގޮތުން ސަރްގުން ބުނެފައިވަނީ އަކްޝޭ އާއެކު ފިލްމެއް އުޅެން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. ބޮލީވުޑާއި ޕަންޖާބީ ފިލްމީ ދާއިރާގެ ހުރި ތަފާތު ކަންތައްތަކާ ބެހޭ ގޮތުން ވެސް ސަރްގުން ވަނީ ވާހަކަ ދައްކާފަ އެވެ.
"ޕަންޖާބީ އިންޑަސްޓްރީ އަދިވެސް އޮތީ ޅަފަތުގައި. ތެދުތެދަށް ބުނާނަމަ އެއިންޑަސްޓްރީ އަދި އަންނަނީ ކުރިއަރަމުން. ކޮންމެ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރި ނަމަވެސް ޑިސިޕްލިން ހިފަހައްޓަން ޖެހޭނެ،" ސަރުގުން ބުންޏެވެ.
ސަރުގުނަކީ ޒިޓީވީގެ "ޖަމާއީ ރާޖާ" ކުޅުނު މަޝްހޫރު ޓީވީ އެކްޓަރު ރަވީ ޑޫބޭގެ އަންހެނުންނެވެ.
މި ފިލްމު ވެސް ޑައިރެކްޓް ކުރަނީ އަކްޝޭގެ "ބެލްބޮޓަމް" ގެ ވެސް ޑައިރެކްޓަރު ރަންޖީތް ތިވާރީ އެވެ.
"މިޝަން ސިންޑްރެއްލާ" އަކީ 2018 ގައި ރިލީޒްކުރި ތަމަޅަ ސައިކޮލޮޖިކަލް ކްރައިމް ތުރިލާ "ރަތުސަސަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީގައި ކިޔައިދެނީ ފުރާވަރުގެ އަންހެން ކުއްޖަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނިގެން އެ ހާދިސާ އަށް ފިލްމެއް ހަދަން މަސައްކަތްކުރާ ޒުވާނަކު، އާއިލީ ފިއްތުންތަކާ ހެދި ފިލްމު ހެދުމުގެ ހިޔާލު ދޫކޮށްލައި، ފުލުހަކަށްވުމުން ދިމާވާ އާދަޔާ ހިލާފު ހާދިސާތަކެކެވެ.
ބޮލީވުޑަށް ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަންނާނުން އަންނަނީ ތައާރަފު ވަމުންނެވެ.