ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާ ލިބޭ ގެއްލުން މާ ބޮޑުވެގެންދަނީ މަޝްރޫތުތައް ހިންގާ ގޮތުން ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖޭންސީ އީޕީއޭއިން ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގެ ރަށްރަށަށް އުދައިގެ އަސަރު ބޮޑުވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ގުދުރަތީ ގޮތުން ރަށްރަށް އުފެދިފައިވާ ގޮތާއި ކަނޑުގެ އޮއެ ދައުރުވާ ގޮތް ދިރާސާ ނުކުރެވި މަޝްރޫއުތައް ހިންގުމުން ކަމަށެވެ. އަދި މާޒީގައި އުދައެރުން ފަދަ ހާދިސާތައް ހިނގާފައިވާ ގޮތް ރަނގަޅަށް ދިރާސާ ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ދަށުން އޮއެ ދައުރުވާ ގޮތަށް ނުހުންނަ ފާލަން ފަދަ ތަންތަން ހެދުމާއި ރަށް ހަތަރު ފަރާތުން ބައްދައި ތަންތަން ހިއްކުމާ މިކަހަލަ ކަންކަން ކުރުން ފަދަ ކަންކަމުން ކުރީމާ ރާޅު ދައުރުވާނެ ގޮތް ނެތި ރަށު ތެރެއަށް ވަންނަނީ ކަމަށެވެ. އަދި މިއަދު މިފެންނަނީ މަޝްރޫއުތައް ހިންގިފައި ހުރި ގޮތުގެ ނަތީޖާ ކަމުގައި ނައީމް ވިދާޅުވި އެވެ.
ނައީމް މިހެން ވިދާޅުވެފައިވާއިރު އެންމެ ބޮޑަށް އުދައަރާ ގެއްްލުން ލިބުނު ރަށްރަށުގެ ތެރޭގައި ގދ. މަޑަވެލިވެސް ހިމެނެއެވެ. އެގޮތުން މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭ ވެސް ބުރިު ކޮށްލަން ޖެހުނެވެ.
އަދި އިންޑިޔާގެ އެފްކޮންސް އިން އައްޑޫ ސިޓީގައި ބްރިޖް އެޅުމަށް ހަދާފައިވާ ވެލި ބްރިޖްވެސް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ. ބްރިޖުގެ މަސައްކަތަށް އަޅާފައިވާ ފަސްގަޑާއި އެތަނުގައި ބަހައްޓާފައި ހުރި ބައެއް މެޝިނަރީ ހިމެނޭހެން ގިނަ ސާމާނުތައް ވަނީ އުދަ އަރައި ރާޅާ އެކު އޮޔާގޮސްފަ އެވެ.
އައްޑޫ ސިޓީއިން ވާހަކަދެއްކި މީހަކު ބުނެފައިވަނީ އައްޑޫ ސިޓީއަަށް އަބަދުވެސް އުދަ އަރާ ކަމަށާއި ނަމަވެސް މިހާ ބޮޑު ގެއްލުމެއް ލިބުނީ އެއްވެސް ކަހަލަ ސާވޭއެއް ކުރުމެއް ނެތި އެފްކޮންސްއިން އެ ސަރަޙައްދުން ގިނަ އަދަދަކަށް ވެލި ނަގާ ބްރިޖް އެޅުމަށްޓަކައި ވެލި ޕްލެޓްފޯމެއް ގާއިމްކޮށް ހަންކެޑެއާ ދިމާލުން އޮއިދެމޭގޮތަށް އޮންނަ އެތެރެވަރި ބަންދު ކުރުމުން ކަމަށެވެ. އުދައަރާ މި ޕްލެޓްފޯމް ހަލާކުވިއިރު އެ ސަރަހައްދު އެއްކޮށް ވަނީ ކިލަނބުވެފަ އެވެ. އަދި އެކަމުގެ އަސަރު އެސަރަހައްދުގައި އޮންނަ ތާރީހީ ޑައިވް ސްޕޮޓަށްވެސް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.