މިމަހުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 0.23 ޕަސެންޓް މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 27,182 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 0.23 ޕަސެންޓް މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް ނަމްބަރު އިތުރުވާން ފެށުމުން އެ މިނިސްޓްރީން ސެޕްޓެމްބަރު 10 ދުވަހުން ފެށިގެން ހަމަޖައްސާފައި ވަނީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު ފުރުމުގެ 24 ގަޑިއިރުގެ ކުރިން ކޮވިޑް ޓެސްޓް ހަދައި، ނެގެޓިވް ނަތީޖާ ގެންނަން ޖެހޭ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 14 ން ފެށިގެން ވަނީ ރާއްޖެ އަންނަން ފުރުމުގެ ކުރިން 96 ގަޑިއިރު ހަމަނުވާ ކޮވިޑް 19 ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައި 21,515 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވީ 0.26 ޕަސެންޓް މީހުންނެވެ. އަދި ސެޕްޓެމްބަރު މަހު އައި 9,538 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވި އަދަދު އުޅެނީ 0.36 ޕަސެންޓްގަ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ން ފެށިގެން މިހާތަނަށް އައި 67,564 ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވީ 0.28 ޕަސެންޓް މީހުންނެވެ. އަދި އޭގެ ތެރެއިން 0.18 ޕަސެންޓް މީހުން ބަލިން ރަނގަޅުވިއިރު، 0.10 ޕަސެންޓް މީހުން އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ 1ން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 450,411 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 70 ޕަސެންޓް ދަށް އަދަދެކެވެ.