ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ދެ ހޮސްޕިޓަލާއި ކްލިނިކްތަކެއް ހަދަން ނިންމައިފި އެވެ.
ހުޅުމާލޭގައި އަޅަން ނިންމާފައިވާ ދެ ހޮސްޕިޓަލްގެ ތެރެއިން އެއް ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން މިއަހަރުގެ ޖެނުއަރީ 24 ވަނަ ދުވަހު އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ.
ހުޅުމާލޭގައި ދެ ހޮސްޕިޓަލާއި ތިން ކްލިނިކް ހަދަން ނިންމާފައިވާ ކަމަށް އެޗްޑީސީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ލިޔުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
ދެ ހޮސްޕިޓަލް އެޅުމަށް ދޭން ނިންމާފައިވަނީ 71،127.92 އަކަފޫޓް ބިމަކާއި 67،522.01 އަކަ ފޫޓުގެ ބިމެކެވެ.
އެޗްޑީސީން ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފްލޯތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރަމުންދާއިރު އެ ފްލެޓްތަކުގައި ތިން ކްލިނިކް އަދި ވިނަރެސް ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި ވެސް ކްލިނިކެއް ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ ފިޔަވަހީގައި ފުރަތަމަ ފާމަސީ މިހާރު ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުޅުވާފަ އެވެ.
ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި މިހާރު ދަނީ ސްކޫލުތަކާއި މިސްކިތްތަކާއި ޕާކްތަކާއި ފިހާރަތައް ވެސް ހަދަމުންނެވެ. އަދި އެ ސަރަހައްދުގެ މަގުތައް ވެސް މިހާރު ވަނީ ނިންމާފަ އެވެ.