އެއީ މީގެ 43 އަހަރު ކުރި އެވެ؛ ނޮވެމްބަރު 11 1978 ވީ ހޮނިހިރު ދުވަހާ ދިމާވީ އެ އަހަރުގެ އަޟުހާ އީދު ދުވަހާ އެވެ. އެ ދުވަސް މާލޭގެ ރައްޔިތުންނަށް އެހެން ދުވަސްތަކާ ތަފާތުވީ ދުވަހުގެ އީދު ނަމާދު މާލޭ ހުކުރު މިސްކިތުގައި އިމާމުވެ ކުރެއްވީ އަލަށް ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން އަބުދުލް ގައްޔޫމު ކަމަށް ވުމުންނެވެ.
މި ދުވަސް އެހާ ޚާއްސަ ދުވަހަކަށް ވަނީ ރާއްޖޭގެ ރައީސަކު އިމާމުވެ ފުރަތަމަ ކުރެއްވި އީދު ނަމާދު ކަމަށް ވާތީ އެވެ. އީދު ނަމާދުގެ ރަސްމިއްޔާތު ނިމި ރައީސް މައުމޫން މިސްކިތުން ފައިބާ ވަޑައިގެންނެވިއިރު ސަލާމްކުރުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސަފު ހަދައިގެން ތިއްބެވެ.
ބައްޕައިން އެ މީހުންގެ ޅަ ދަރިންގެ އަތުގައި ހިފައިގެން ދިޔައިރު ކުޑަކުއްޖެއްގެ ހައިސިއްޔަތުން ބައްޕައާއެކު ސަލާންކުރަން ދިޔަ އެއް ކުއްޖަކީ މިހާރުގެ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.
ރައީސް މައުމޫން ރައީސެއްގެ ހައިސިއްޔަތުން އިމާމުވެ ފުރަތަމަ ކުރެއްވި އީދުގައި ކުޑަ ކުއްޖެއްގެ ހައިސިއްޔަތުން އެމަނިކުފާނާ ސަލާން ކުރެއްވި ޝާހިދު އޭގެ 19 އަހަރު ފަހުން 1995 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކްރެޓެރީ ކަމާ އެވެ.
އެ މަގާމަކީ ރައީސުލްޖުމުހޫރިއްޔާއާ އެންމެ ގާތުން މަސައްކަތް ކުރައްވަން ޝާހިދަށް ލިބި ވަޑައިގެންނެވި ފުރުސަތެކެވެ. ރައީސް މައުމޫންގެ އެންމެ އަރިސް ބޭފުޅެއްގެ ހައިސިއްޔަތުން ތިން އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު، 1998 ވަނަ އަހަރު ޝާހިދު ވަނީ ރައީސް މައުމޫންގެ ދީނީ އެޖެންޑާއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
"އަ މޭން ފޯ އޯލް އައިލޭންޑްސް"ގެ ނަމުގައި ފޮތެއް ނެރުނު ރޮއިސްޓަން އެލިސްއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ ރައީސް މައުމޫންގެ ދީނީ އެޖެންޑާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ވެރިކަން ހިންގެވުމުގައި ހަތިޔާރަކަށް ރައީސް މައުމޫން ދީން ބޭނުމެއް ނުކުރައްވަ އެވެ. އެއަށްވުރެ ބޮޑަށް ރައީސް މައުމޫނަށް ލިބިވަޑައިގެންފައި އޮތް ގަދަރާއި އިހުތިރާމާއި ލޯބި އޭރު ބޮޑެވެ. ރައީސް މައުމޫނަކީ ދީނީ އިލްމުވެރިޔަކަށް ވެފައި، އެމަނިކުފާނު ދީނަށް ކަމޭހިއްތަވާ ތަން އެންމެނަށް ފެނުމުން އެމަނިކުފާނާމެދު ރައްޔިތުންގެ ހިތްތަކުގައި ވަނީ ޚާއްސަ ގަދަރެއް ދެވިފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ނާސިރުގެ 20 އަހަރުގެ ލީޑާޝިޕަށް ފަހު މައުމޫނު ގައުމާއިގެން ވަޑައިގަންނަވާނީ ކޮން މިސްރާބަކަށް ކަމާމެދު މީސްތަކުން އޭރު ތިބީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.
"އަހަރެމެން (ދިވެހި ރައްޔިތުން) އޭރު ތިބީ ވަރަށް މައްސުނި ވިސްނުމެއްގައި. ކުރިޔަށް ދާންވީ ހުޅަނގުގެ ތަހުޒީބާއި ސަގާފަތާއި ދިމާޔަށްތޯ ނުވަތަ ނޫންތޯ އޮތީ ސުވާލު އުފެދިފައި. ދީނީ އިލްމު ވެރިޔެއްގެ ހައިސިއްޔަތުން ރައީސް (މައުނޫނު) ބޭނުންފުޅުވެ ވަޑައިގެންނެވީ މޮޑަރޭޓް ޒަމާނީ އިސްލާމީ ވެއްޓެއް،" ޝާހިދު ވިދާޅުވި އެވެ.
ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރާއްޖޭގައި ދީނީ ތައުލީމު ވަރަށް ބޮޑަށް ވަޅުޖެހި ހުޅަނގުގެ ތަހުޒީބަށް ތައުލީމާއި ސަގާފަތު ބަދަލުވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
ވެރިކަމަށް ވަޑައިގެންނެވުމުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ލޯތްބަކާ އިހުތިރާމެއް ލިބިވަޑައިގެންނެވީ އުވެމުންދިޔަ އިސްލާމިކް އައިޑެންޓިޓީ ރާއްޖެއަށް އަނބުރާ ގެނެސްދެއްވާނެ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ކުރެވުނު އިތުބާރެކެވެ. އެ އުންމީދުގައި ތިބި ގިނަ ބަޔަކަށް އިތުރު ހިތްވަރެއް ލިބުނީ އެމަނިކުފާނު އިމާމުވެ އީދު ނަމާދާއި ހުކުރު ނަމާދު ކުރައްވަން ފެއްޓެވުމުންނެވެ. އެއީ ރާއްޖޭގެ ތާރީޚުގައި އަދި މިހާތަނަށް އެމަނިކުފާނު ނޫން ރައީސަކަށް ލިބި ވަޑައިގެންފައިނުވާ ޝަރަފެކެވެ.
ދީނީ އިލްމު ވެރިޔެއެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ މަތީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މައުމޫނުގެ ކުރިފުޅުމަތީގައި އޮތީ އެހާ ފަސޭހަ މަގެއް ނޫނެވެ. އިސްލާމް ދީނާ ފުށުއަރާ ހުޅަނގުގެ ތަހުޒީބީ ގޯޅިޔާ ދީނީ ހަރުކަށި ގޯޅިޔާ މެދު މިންވަރެއްގެ ސިޔާސީ މަގުތަކެއްގެ މެދުގައި އެމަނިކުފާނަށް ހުންނެވުނު ކަމުގައިވީ ހަތަރު އަނގޮޅިއެއްގެ މެދުގަ އެވެ.
ރާއްޖޭގެ އޭރުގެ ދިނީ އިލްމް އޮތް ހާލަތާމެދު އެ ދުވަސްވަރުގެ ތަޖުރިބާކާރުންނާ ހަވާލާދީ "އަ މޭން ފޯ އޯލް އައިލޭންޑްސް" ގައި ލިޔެފައިވާ ގޮތުން ދިވެހި ރާއްޖެއަކީ 100 ޕަސެންޓް މުސްލިމު ގައުމަކަށް ވިޔަސް ރައްޔިތުންނަށް ދީނީ ގޮތުން އޭރު އެނގެނީ ވަރަށް ވަދު މިންވަރެކެވެ.
ކީރިތި ގުރުއާން ކިޔެވިކަމުގައި ވިޔަސް އޭގައި ބުނާ އެއްޗެއް ނޭނގެ އެވެ. މިފަދަ ހާލަތުގައި ރައީސް މައުމޫން އެންމެ ފުރަތަމަ ވެސް ފެށްޓެވީ މީސްތަކުންގެ ދީނީ ހޭލުން ތެރިކަން އިތުރުކޮށް ދެއްވުމަށެވެ. އެމަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގެވި އެވެ. މީގެ ތެރެއިން މުލިއާގޭގައި ފެއްޓެވި ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ. އެއާއެކު ސްކޫލްތަކުގެ ކަރިކިއުލަމް އިސްލާހު ކުރައްވައި ދީނީ އިލްމު މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފެތުރުއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ.
ދީނީ ތައުލީމު އިތުރަށް ފުޅާކުރައްވައި އާންމުން ހޭލުންތެރިކުރައްވަން މަސައްކަތް ކުރެއްވިއިރު މައުމޫނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްކަމުގައިވީ ދީނީ ގޮތުން ހައްދުފަހަނަޅައިދާ ފަދަ ގައުމަކަށް ރާއްޖެ ބަދަލުވެގެން ނުދާނެ ގޮތަށް ކަންތައް ބައްޓަން ކުރެއްވުމެވެ.
"ދީނީ ގޮތުން ހައްދު ފަހަނަޅާ ދިއުމުގެ ބިރު އޭރުވެސް އޮތް،" މައުމޫންގެ އަރިހުގައި ޕާސަނަލް ސެކްރެޓެރީއެއްގެ މަގާމުގައި މަސައްކަތް ކުރައްވައި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު ހުސެއިން މައުމޫނުގެ ބަޔޮގްރަފީއަށް ވިދަޅުވެފައިވެ އެވެ.
މުހައްމަދު ހުސެއިންއަކީ ރައީސް ނާސިރުގެ ވެރިކަމުގައި ރައީސް އޮފީހުގެ ކާތިބެއްގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި ބޭފުޅެކެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ކުރީ ކޮޅުގެ ދުވަސްތަކާ މެދު ވާހަކަ ދައްކަވަމުން، ކަނޑިތީމުގެ ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި މުހަންމަދު ހުސެއިން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މިސްކިތްތަކުގެ އިމާމުނުންނަށް ރައީސް މައުމޫނު ސިޓީފުޅެއް ފޮނުއްވި އެވެ.
އެ ސިޓީފުޅުގައި ދީނީ ގޮތުން ހައްދުފަހަނަޅާއި ދިއުމުގެ ބިރުވެރިކަމާ މެދު އެމަނިކުފާނު ވަނީ އިމާމުންނަށް އިރުޝާދު ދެއްވާފަ އެވެ.
ރައީސް މައުމޫންއަކީ މިސްރުގެ ޖާމިއުލް އަޒުހަރުން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ދީނީ އިލްމު ވެރިއެކެވެ.
ދީނީ އިލްމުވެރިއެއްގެ ގޮތުން އެމަނިކުފާނު ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވުމާއެކު ދިވެހި ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދަމަހައްޓައި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދަވަން އެމަނިކުފާނު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ހަމަ އެއާއެކު ދީނީ ގޮތުން ހަރުކަށި ޚިޔާލާއި ފިކުރު ދިވެހި މުޖުތަމައަށް ނުފެތުރޭނޭ ގޮތަށް އެމަނިކުފާނުގެ ދިގު ވެރިކަން ބައްޓަން ކުރެއްވި އެވެ.
ރައީސް މައުމޫންގެ ތިރީސް އަހަރުގެ ވެރިކަން ނިމި ދިޔައިރު އެމަނިކުފާނު އެންމެ ބޭނުންފުޅުވެވަޑައިނުގެންނެވި ދީނީ ހަރުކަށި ފިކުރު ރާއްޖޭގެ މާހައުލަށް މަޑުމަޑުން ދިޔައީ ފެތުރެމުންނެވެ. ދިވެހިން ބޭނުންވި ޑިމޮކްރަސީގެ މިނިވަންކަމުގެ ތެރެއިން ލިބުނު ޖާގައިގައި އެ ފިކުރު އިތުރަށް ފެތުރުމުގެ ޖާގަ ލިބި، މިއަދުގެ ދިވެހި މުޖުތަމައުގައި ދީނުގެ ނަމުގައި މީހުންމެރުން ފަދަ ނުބައި އަމަލުތައަ ވަނީ ހަގީގަތަކަށްވެފަ އެވެ.
ޢަޅުގަނޑުވެސް ގަބޫލް ކުރަން ދީނީ ހޭލުންތެރިކަން އިތުރު ކުރަން އެމަނިކުފާނު ކުރެއްވި މަސައްކަތް. އެހެންނަމަވެސް ގަބޫލް ކުރެވޭ ގޮތުގަ ދީނީ ހަރުކަށި ވިސްނުން ފެތުރެން ދިމާވި ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނުގެ މެދުމިނުގެ ދީނީ ސިޔާސަތުގެ ދަށުން އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތް ދިވެހިންގެ ތެރޭގައި ފަތުރަން މަސައްކަތް ކުރުން ހިމެނޭ. އެގޮތުން އެމަނިކުފާނުގެ ދީނީ ވިސްނުމާއި، ދޭ ފަތުވާތަކާއި، ފުށު އަރާ ގޮތަށް ފަތުވާދޭ ޢިލްމުވެރިންނާ ދޭތެރޭ ކަން ކުރެއްވި ގޮތާއި، މިހެންގޮސް ގިނަ ސަބަބުތަކެއް ހިމެނޭ.