އަނުޝްކާ ޝަރްމާ އާއި ދީޕިކާ ޕަޑުކޯންއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ސީނިއާ ތަރިންނެވެ.
އެދެ މީހުންނަކީ ވެސް އެމީހުންގެ އެކްޓިންގެ ހުނަރުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ދެ ފަންނާނުންނެވެ.
ފަންނާނުންގެ "އޮން ސްކްރީން" ހަޔާތުގެ ބޮޑުބައި އާންމުންނަށް ފެންނައިރު، ފަންނާނުންގެ "އޮފްސްކްރީން" ހަޔާތަކީ ގިނަ ފަހަރަށް ތަރިން ހިއްސާ ކުރަން ބޭނުން ނުވާ ވާހަކަތަކެވެ.
ނަމަވެސް ބެލުންތެރިންގެ އުފަލަށްޓަކައި މިފަދަ ވާހަކަތައް ވެސް ހިއްސާކުރާ ފަހަރުތައް މަދުން ނަމަވެސް އާދެ އެވެ.
އެގޮތުން އަނުޝްކާ އާއި ދީޕިކާއާ ދެމެދު ހިނގި ހަމަނުޖެހުމަކީ ވެސް އޭރު ގިނަ ބައެއްގެ ތުންތުން މަތިން ދެކެވެމުން ދިޔަ ވާހަކަތަކެކެވެ. ދީޕިކާއާ ކައިވެނިކުރުމުގެ ކުރިން އޭނާގެ މިހާރު އޭނާގެ ފިރިމީހާ، ރަންވީރު ސިންގްއަކީ މީގެ ކުރިން އަނުޝްކާގެ ލޯބިވެރިޔާ އެވެ. އަދި އެ ދެމީހުން އުޅެމުން ދިޔައީ ވަރަށް ލޯބިންނެވެ.
ނަމަވެސް އެދެމީހުން ވަކިވީ ރަންވީރު ދީޕިކާއާ ގަޔާވެ، އޭނާއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވުމުން ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ. މީގެ ނަތީޖާއަކަށްވީ އަނުޝްކާ އާއި ދީޕިކާގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އުފެދުމެވެ.
ދީޕިކާ ރަންވީރާއި ކައިވެނިކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުގަ އެވެ. އަދި އަނުޝްކާ އޭނާގެ މިހާރުގެ ފިރިމާހާ ވިރާޓް ކޯލީއާ ކައިވެނިކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުގަ އެވެ.
ދެފަންނާނުންގެވެސް ކައިވެންޏަށްފަހު ކުރީގައި ޖެހުނު ހިތްހަމަ ނުޖެހުންތައް ހަނދާން ނައްތާލައި އުޅެން ފަށާފައިވާ ކަމަށް އެދެފަންނާނުން ވެސް ބުނެފައިވެ އެވެ.