ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގާއިމުކުރާ "އޯޕަން އެކްސެސް ނެޓްވޯކް" ބޭނުންކުރުމަށް މީޑިއާނެޓާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މީޑިއާނެޓްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހްމަދު ނަބާހު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.
އެޗްޑީސީން ދާދިފަހުން ވަނީ ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްއާއެކު ވެސް މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މީޑިއާ ނެޓަކީ މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ ކުންފުންޏެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ "އޯޕަން އެކްސެސް ނެޓްވޯކް" މެދުވެރިކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް މީޑިއާނެޓް ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޚާއްސަ އިސްކަމެއްދީގެން މީޑިއާނެޓްގެ ޚިދުމަތްތައް "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 7000 ފްލެޓަށް ދިނުމަށް އަމާޒުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއްގެ ހައިސިއްޔަތުން އެޗްޑީސީގެ އަމާޒަކީ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ޚިދުމަތްތަކުގެ އަގުތައް ކުރިޔަށްއޮތް ތަނުގައި ކުޑަ ކޮށްދިނުން ކަމަށެވެ. އަދި އެ ކުންފުނިން ގާއިމްކުރާ ނެޓްވޯކުން އެފުރުސަތު މިހާރު ޚިދުމަތްދޭ ފަރާތަށާއި އަދި އަލަށް އެ ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ސަރުކާރުގެ ވެސް ވަރަށް ބޮޑު އަމާޒެއް، ކުދި އަދި މެދު ފަންތީގެ ވިޔަފާތިތަކަށްވެސް މިހާރު އެ ޚިދުމަތް ދިނުމަށްހުރި ގޮންޖެހުންތަކަށް ލުއިތަކެއް ހޯދައިދިނުން. އެގޮތުން މި ވިޔަފާރިއަށް ވަންނަން ބޭނުންވާ ބެރިއާ އޮފް އެންޓްރީގައި ހިނގާ އިންފްރާސްޓްރަކްޗާ ކޯސްޓަށް ލުއިތަކެއް ލިބިގެންދާނެ،" އާތިފް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫއުގެ ބިންގާ ކަމަށެވެ. މިގޮތުން، "އޯޕަން އެކްސެސް ނެޓްވޯކް" ގެ ބިޒްނަސް މޮޑެލްގައި ހުޅުމާލޭގެ މުޅި ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް މުވާސީލާތީ ވިއުގައަކުން ގުޅައިލުމަށް މައިގަނޑު އެއް އިންފްރާސްޓްރަކްޗާ މި މަޝްރޫއުގެ ދަށުން ގާއިމު ކުރެވޭނެ ކަމަށެވެ. އަދި އެ އިންފްރާސްޓްރަކްޗާގައި އެކުލެވޭ ފައިބާ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއި ފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޭބަލް ވަޅުލުމަށް ކުރާ ޚަރަދުގެ ބަދަލުގައި ޖީޕޯން ނެޓްވޯކްގައި ކުރިއާލައި ގާއިމު ކުރެވިފައިވާ ފައިބާ ވިއުގަ ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކަށް ލިބޭ ގެއްލުންތައް ކުޑަވެ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މުވާސަލާތީ ޚިދުމަތްތައް މިހާރަށްވުރެއް ލުއިފަސޭހަކަމާއެކު ލިބިގެންދާނެކަން އުފަލާއެކު މި ކޯޕަރޭޝަނުން ފާހަގަ ކުރަމެވެ. ހަމައެއާއެކު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރުވޭ "އޯޕަން އެކްސެސް ނެޓްވޯކް"ގެ އެހީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ފަންނިއްޔާތުގެ ވަޞީލަތްތައް ބޭނުން ކުރުމާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ (ޓެލެމެޑިސިން) އިތުރުން، އޮންލައިންކޮށް ތައުލީމު ހާސިލު ކުރުން ފަދަ މުހިއްމު ފުރުޞަތުތަކެއް މިހާރަށްވުރެ ފުޅާދާއިރާއެއްގައި ތަނަވަސްވެގެންދާނެ ކަމަށް މި ކޯޕަރޭޝަނުން އުއްމީދު ކުރަމެވެ." އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.