ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުން ހުށައެޅި ބައެއް ހެކިތައް ސިއްރުކުރުމަށް ކްރިމިނަލްކޯޓުން ނިންމައިފި އެވެ.
މި މައްސަލާގައި މިއަދު އޮތީ ދެ ފަރާތުން ހުށައެޅި ހެކިތަކާއި މެދު ކޯޓުން ގޮތެއް ނިންމުމެވެ. މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ވަނީ ގިނަ ހެކިތަކެއް ހުށައަޅާފަ އެވެ. ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭހައި ބޮން ގޮއްވާލި ސަރަހައްދު އޮތް ގޮތް ސާބިތުކޮށްދިނުމަށާއި ދައުވާކުރާ މީހުން އެކަކު އަނެކަކު ދަނެ ބައްދަލުވެ އުޅޭކަން ސާބިތުކޮށް އެކަމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށްވެސް ދައުލަތުން ވަނީ ހެކި ހުށައަޅާފަ އެވެ.
ހެކިންގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ބުނެ ދައުލަތުން ވަނީ ސިއްރުން ހެކިބަސް ނަގާދިނުމަށް އެދިފަ އެވެ. އަޑު ބަދަލުކޮށް ސިއްރުން ހެކިބަސް ނެގޭނެ ގާނުނީ ހަމައެއް ނެތްކަމަށް ބުނެ ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުލަތުގެ އެދުމަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް ކޯޓުން ނިންމެވީ ދައުލަތުން އެދުނު ހެކިތައް ސިއްރުކޮށް، އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށެވެ.
ދައުވާ ލިބޭ ބައެއް މީހުންވަނީ އެމީހުން ކުށުގެ ވެށީގައި ނެތްކަމުގެ ދިފާއު ސާބިތުކުރަން ބައެއް ހެކި ހުށައަޅާފަ އެވެ. މީގެތެރެއިން ފަހުމީއާއި ނާޒިމާއި އިޝްހާގާއި ހައިޝަމްގެ ފަރާތުން ހުށައެޅި ބަލައިނުގަތުމަށް ދައުލަތުން ވާނީ އެދިފަ އެވެ. ސަބަބެއްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވީ ތަހުގީގުގެ މަރުހަލާގައި އެ ހެކިންގެ ވާހަކަތައް ފާހަގަކޮށްފައި ނުވާތީކަމަށެވެ. މި ހުށައެޅުމާއި ގުޅިގެން ކޯޓުން ނިންމެވީ ހައިޝަމް ފިޔަވާ ދެން ތިބި މީހުން ހުށައެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށެވެ. އެހެންނަމަވެސް ނާޒިމްގެ ފަރާތުން ހުށައެޅި އެއް ހެއްކެއްގެ ވާހަކަ ތަހިގީގުގެ މަރުހަލާގައި ފާހަގަކޮށްފައިވާތީ އެ ހެކި ބަލައިގަތުމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މި މައްސަލާއިގެ އަޑުއެހުންތައް އަންނަ ހަފްތާގައި ފަށާނެ އެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ އިތުރުން މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލި މަނިކުގެ މައްޗަށެވެ. މީގެއިތުރުން މި މައްސަލާގައި އަހްމަދު އަދުހަމުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ އޭނާ 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފަ އެވެ. މި އަދުހަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ރިމޯތް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާ އެވެ.
މިިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުލަތުން އަންނަނީ ދައުވާކުރަމުންނެވެ.