2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއަށް އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް ސޯލިހު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެތޯ އެމަނިކުފާނާ ނޫސްވެރިއަކު ސުވާލުކުރެއްވުމުން ވިދާޅުވީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ބޭނުންވާނަމަ އެންމެ ރަނގަޅު ކެނޑިޑޭޓަކީ އެމަނިކުފާނު ކަމުގަ އެވެ.
"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާނަމަ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޕާޓީ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމުގައި އަމަލުކުރާނީ ޕާޓީގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއަކުން އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގައި މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކެނޑިޑޭޓަކު ނެރުނު ކަމުގައިވީނަމަވެސް ކޯލިޝަނެއްގެ ތެރެއިން ނޫނީ ވެރިކަމަށް ނާދެވޭނެ ކަންކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން. އެއީ މުޅި ރާއްޖެއަށް ވެސް އެންމެ ފައިދާ ހުރިގޮތް. މިހާރު ފެށިފައިވާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައިވެސް ވެރިކަން އޮތުން މުހިންމު. އަޅުގަނޑުމެންނަށް އެނގިގެން ދިޔަކަމީ އެކަނި އެއްވެސް ޕާޓީއަކަށް ވެރިކަން ކާމިޔާބެއް ނުވާނެކަން. ގިނަ ޕާޓީ އެކުވެގެން ހެދޭ ކޯލިޝަނަކުން ނޫނީ ކާމިޔާބު ނުވާނެކަން އަޅުގަނޑުމެނަށް ވަނީ ސާފުވެފަ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ހުރި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް އެމްޑީޕީގެ ވެރިކަމެއް އޮތުން މުހިންމު ކަމަށާއި ނަމަވެސް އެ ޕާޓީ އަށް އެކަނި އިންތިހާބުގައި ވާދަކޮށްގެން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހު ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާއިރު ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.