ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް އެޕާޓްމަންޓްތަކަށް މާލެ ރައްޔިތުންގެ ފިޔަވައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމުހުށަހަޅާ ފަރާތްތަކަކީ، ދިވެހިރާއްޖެއަށް ނިސްބަތްވާ، އުމުރުން 18 އަހަރުވެފައިވާ މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން, 100 ޔުނިޓް ކަނޑައަޅާފައިވާނީ މާލޭގައި ރަޖިސްޓްރީވެފައި ނުވާ، ނަމަވެސް މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް ވެސް ވިނަރެސްއަށް ކުރިމަތިލެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
އެޗްޑީސީއިން ބުނީ ވިނަރެސްއަށް އެދޭ ފަރާތަކީ ފްލެޓަށް އެދޭ އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލެސިޓީ އިން، ޕްރައިވެޓް (ރިއަލްއެސްޓޭޓް މާކެޓްއިން) ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް (600 އަކަފޫޓަށް ވުރެ ބޮޑު) ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށެވެ.
މި އެޕްލިކޭޝަންގެ ދަށުން އެވޯޑް ކުރެވޭ ހައުސިން ޔުނިޓް ލިބޭފަރާތަކުން މާލެ ސިޓީގައި ޕްރައިވެޓް ރިއަލްއެސްޓޭޓް ހައުސިން ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާނަމަ، މި މަޝްރޫގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދައުލަތަށް އަނބުރާ ނެގޭނެ ކަމަށާއި، މައި އެޕްލިކަންޓް ގޮތުގައި ހިމެނޭފަރާތް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، މާލޭގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް (600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު) ވިއްކާފައި އޮވެގެން ނުވާނެ ކަމަށް ވެސް އެޗްޑީސީން ޝަރުތުކުރެ އެވެ.
ހަމައެހެންމެ، މި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށާއި، މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 61،000 ރުފިޔާ އަށް ވުރެ އިތުރަށް ލިބޭ ފަތާތްތަކަށް މި ސްކީމްގައި ބައިވެރިއެއް ނުވެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
މީގެ އިތުރުން، މައި އެޕްލިކަންޓްއަކީ މާލެއިން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭއިރު، ފުރަތަމަ ފަހަރަށް އެޕާޓްމަންޓެ ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމެންޓެއް ނުވަތަ މާލޭގައި 600 އަކަފޫޓަށް ވުރެއް ބޮޑު ބިމެއް ނެތް ފަރާތްތަކަށް ވުމަށް ވެސް އެޗްޑީސީން ޝަރުތުކުރެ އެވެ.
އެޗްޑީސީއިން ވަނީ ލީސް ޓު އޯން މޮޑެލް އަށް ފޯމި ހުށަހަޅާ ފަރާތްތަކަށް ދެ ބަޔަކަށް ބަހާލާފައިވެ އެވެ.
އެގޮތުން ފުރަތަމަ ބައިގެ ޝަރުތަކުގެ ތެރޭގައި:
- އާމްދަނީގެ ގޮތުގައި މުސާރާ ހުށަހަޅާ ކަމުގައިވާނަމަ 20 އަހަރުގެ މުއްދަތަކަށް އަގު ބަހާލެވޭނީ އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފަރާތްތަކަށް.
- އާމްދަނީ ގޮތުގައި ހަމައެކަނި މުސަރާ ހުށަހަޅާ އުމުރުން 45 އަހަރުން މަތީގެ ފަރާތްތަކުން ލީޒް ޓު އޯން މޮޑެލްގެ އޮޕްޝަން 1 ހިޔާރު ކުރައްވާކަމުގައި ވާނަމަ،
- އުމުރަށް ބަލާފައި އަގު ބަހާލެވޭ މުއްދަތުކުރުކުރެވޭނެ، ނުވަތަ
- 45 އަހަރުން މަތީ ފަރާތްތަކުގެ އާމްދަނީގެ ގޮތުގައި ލިބޭ އާމްދަނީގެ ގޮތުގައި ލިބޭ މުސާރަ ބަލައިނުގަންނާނެ. އެހެންކަމުން އެހެންކަމުން އެހެނިހެން އާމްދަނީ ލިބޭ ގޮތްތަކުގެ މަޢުލޫމާތު ހުށަހެޅުން، ނުވަތަ
- 45 އަހަރުން ދަށުގެ ފަރާތެއް / ފަރާތްތައް ކޯ-އެޕްލިކަންޓެއްގެ ގޮތުގައި ހިމަނައި އެފަރާތައް / ފަރާތްތަކަށް އާމްދަނީ ލިބޭ ގޮތްތަކުގެ މައުލޫމާތު ހުށަހެޅުން.
ލީޒް ޓު އޯން މޮޑެލް އޮޕްޝަން ދެ ޝަރުތުތައް:
- އާމްދަނީގެ ގޮތުގައި މުސާރާ ހުށަހަޅާ ކަމުގައިވާނަމަ 25 އަހަރުގެ މުއްދަތަކަށް އަގު ބަހާލެވޭނީ އުމުރުން 18އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތްތަކަށް.
- އާމްދަނީ ގޮތުގައި ހަމައެކަނި މުސަރާ ހުށަހަޅާ އުމުރުން 40 އަހަރުން މަތީގެ ފަރާތްތަކުން ލީޒް ޓު އޯން މޮޑެލްގެ އޮޕްޝަން ދޭއް ހިޔާރު ކުރާނަމަ, އުމުރަށް ބަލާފައި އަގު ބަހާލެވޭ މުއްދަތު ކުރުކުރެވޭނެ، ނުވަތަ 40 އަހަރުން މަތީ ފަރާތްތަކުގެ އާމްދަނީގެ ގޮތުގައި ލިބޭ އާމްދަނީގެ ގޮތުގައި ލިބޭ މުސާރަބަލައި ނުގަންނާނެ.
- އެހެންކަމުން އެހެނިހެން އާމްދަނީ ލިބޭ ގޮތްތަކުގެ މަޢުލޫމާތު ހުށަހެޅުން، ނުވަތަ 40 އަހަރުން ދަށުގެ ފަރާތެއް / ފަރާތްތައް ކޯ-އެޕްލިކަންޓެއްގެ ގޮތުގައި ހިމަނައި އެފަރާތައް / ފަރާތްތަކަށް އާމްދަނީ ލިބޭ ގޮތްތަކުގެ މަޢުލޫމާތު ހުށަހެޅުން.
- ފޯމު ހުށަހަޅާ ފަރާތާއި ކޯ-އެޕްލިކަންޓުންގެ ގޮތުގައި ހިމަނާ ފަރާތްތައް އާމްދަނީގެ ގޮތުގައި މުސާރަ ހުށަހަޅާ ކަމުގައި ވާނަމަ، އެފަރާތްތަކަކީ މަދުވެގެން ވޭތުވެދިޔަ 12 މަސް ދުވަހު ދާއިމީ ވަޒީފާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ.
- ސިޔާސީ މަގާމެއްގައި ހުންނަ ފަރާތްތަކަށް އެ މަގާމުން ލިބޭ މުސާރަ ކަނޑައަޅާނީ ކުރިން އަދާކޮށްފައިވާ ވަޒީފާތަކަށާއި ތައުލީމީ ފެންވަރަށް ބަލާފައި.
- އަމިއްލަ ވިޔަފާރި، ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އަދި އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ ބަލައިގަންނާނީ ކަނޑައެޅިފައިވާ ވަކި އިންސައްތައެއް އުނި ކުރުމަށްފަހު.
- އެގޮތުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އިން 20 އިންސައްތަ، ވިޔަފާރިން ލިބޭ އާމްދަނީ އިން (ކުންފުންޏެއް ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއަކުން) އޮޑިޓެޑް ފައިނޭންޝިއަލް އިން ބަލާނަމަ 70 އިންސައްތަ އަދި ޖީއެސްޓީ ސްޓޭޓްމަންޓް / ވައުޗާއިން ބަލާނަމަ 80 އިންސައްތަ އަދި އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ (ސޯލް ޕްރޮޕްރައިޓާ/ ފްރީލާންސް) އިން 25 އިންސައްތަ އުނިކުރެވޭނެ.
- ކޯ-އެޕްލިކަންޓުންގެ ގޮތުގައި ހުށަހެޅޭނީ ހުށަހަޅާ ފަރާތުގެ އަނބިމިހާ ނުވަތަ ފިރިމިހާ، މައިންބަފައިން، ދަރިން އަދި އެއްބަނޑު އެއްބަފާ މީހުން.
- ހުށަހަޅާ ފަރާތާއި ކޯ- އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅާ ފަރާތުން މާލީ އިދާރާތަކަށް މަހަކު ދައްކަން ޖެހޭ ޖުމްލަ އަދަދާއި ހިޔާރު ކުރައްވާ އެޕާޓްމަންޓުގެ މަހަކު ދައްކަން ޖެހޭ އަދަދު (އީ.އެމް.އައި) އެއްކޮއްލުމުން އާމްދަނީގެ (އެލިޖިބަލް އިންކަމް) 50 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެ.
ފުލް ޕޭމަންޓް މޮޑެލްގެ ދަށުން އެޕާޓްމަންޓް ގަންނަން އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު:
- އެޕާޓްމަންޓް ބަލައްވައިގަތިމުގެ މާލީ ގާބިލުކަން ހުރުން
ވިނަރެސްގެ ނަމުގައި ކުރީގެ ސަރުކާރުން ހަދަން ފެށި، މަތީ ފެންވަރުގެ 1،344 ހައުސިން ޔުނިޓްގެ 60 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކުމަށް ވެސް އެޗްޑީސީން ހުޅުވާލި އެވެ. ނަމަވެސް އެކަމަށް އެއްވެސް ތަރުހީބެއް ނުލިބުމުން އެކަން ހުއްޓާލީ އެވެ. އަދި އޭގެ ފަހުން ނިންމީ ހަމައެކަނި މާލޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އެތަންތަން ދޫކުރާށެވެ.
މިއީ އެޗްޑީސީން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު 2017 ގައި ފެށީ 1،530 ޔުނިޓް ހަދާ ގޮތަށެވެ. ނަމަވެސް ލޯނުގެ އިކުއިޓީ ހަމަނުޖެހިގެން ދެ ފްލޯގެ ޔުނިޓްތައް ވަނީ ޕްރޮޖެކްޓުން އުނިކޮށްފަ އެވެ.
ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާ ހަވާލުކޮށްގެން ހަދާ ހައުސިން ޔުނިޓް ވިއްކަން ނިންމާފައި އެފޯޑަބްލް ހައުސިންގެ ތެރެއިން 2.2 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގެއްގަ އެވެ.
ވިނަރެސްގައި ހުންނަނީ ދެ ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން ހިމެނެނީ 902 އަކަފުޓޫގެ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރި ހިމެނޭ 883 އަކަފުޓޫގެ އެޕާޓްމަންޓެވެ. އޭގެ ތެރެއިން މެރީނާ ވިއު ފެންނަ 98 އެޕާޓްމަންޓް ހުރެ އެވެ. އަދި ސިޓީގެ ބޭރުގެ ފެންނަ 228 ޔުނިޓާއި އިނާވިއު ފެންނަ 211 ޔުނިޓް ހިމެނެ އެވެ.
މެރީނާ ވިއު ފެންނަ ޔުނިޓްތަކުގެ ތެރެއިން، 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 22 ޔުނިޓް ވިއްކަނީ ޔުނިޓެއް 3.1 މިލިއަން ރުފިޔާ އަށެވެ. އަދި މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓް ވިއްކަނީ ޔުނިޓެއް ތިން މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.8 މިލިއަން ރުފިޔާ އަށެވެ.
އައުޓާ ވިއުގައި ހިމެނޭ 228 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 74 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.9 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.85 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.83 މިލިއަން ރުފިޔާ އަށެވެ.
އިނާ ވިއުގައި 211 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 58 ޔުނިޓް ވިއްކަނީ ޔުނިޓެއް ވިއްކަނީ 2.88 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.83 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.80 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ސްޓެންޑާޑް ވިއުގެ 269 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.56 މިލިއަން ރުފިޔާ އަށެވެ.
ވިނަރެސްގައި ރިޓެއިލް ފިހާރައަކާއި އޮފީސް ޖާގަ، އޭޓީއެމް، ސެކިއުރިޓީ، ކާރު އަދި ސައިކަލް ޕާކިންގެ އިތުރުން ކެފޭ، ރެސްޓޯރަންޓްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީން ބުނެފައި ވަނީ ކުންފުނިތަކުން ގަންނަ ޖުމްލަ އެޕާޓްތަކުގެ އަގުގެ 20 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.